ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސް ވީކްޓްރީ އާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން ބަލިވުމުން އުރީދޫ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން މާޒިޔާއަށް ކަށަވަރުވެއްޖެ އެވެ.
މާޒިޔާއަށް ލީގް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ނުދިނުމަށް އީގަލްސް އަށް މޮޅުވުން ނޫން އެހެން ގޮތެއް ނެތް މި މެޗުން އީގަލްސް ބަލިވިއިރު މިއީ މިއަހަރު ލީގް ގައި އެ ކްލަބުން އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.
ބާކީ ތިން މެޗް އޮއްވައި މާޒިޔާ އިން ލީގް ކަށަވަރު ކުރި އިރު އީގަލްސްއާ އެޓީމާ ދެމެދު 11 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.
މާޒިޔާ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. އީގަލްސްް ކުރިއަށް އޮތް ތިން މެޗު ކާމިޔާބު ކުރި ނަމަވެސް އެޓީމަށް ލިބޭނީ 41 ޕޮއިންޓެވެ.
ވިކްޓްރީގެ ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ވިކްޓްރީ އޮމަޑޫއަށް ހުސްކޮށް ލިބުނު ބޯޅައެއްގައި އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ބޭރުން އެޓީމުގެ ކީޕަރު ސޫޖަން ޕެރޭރާ ކުރި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމެއްގައި ރިލްވާން ވަހީދު ކާމިޔާބު ކުރި ލަނޑެކެވެ.
ސޫޖަން ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ދެ ވަނަ ހާފުގައި އީގަލްސް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ޕެނަލްޓީ އެއް ލިބިގެން ގޮސްފަ އެވެ. ވިކްޓްރީގެ ޑިފެންޑާ ސާއިފް ޕެނަލްްޓީ އޭރިއާ ތެރެއިން ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ އީގަލްސްގެ މުހައްމަދު ސެޑިކް ކުރިއަށް ފޮނުވާލި ނަމަވެސް ވިކްޓްރީގެ ކީޕަރު އިބްރާހިމް އިފްރާހް ވަނީ ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
ވިކްޓްރީގެ ދެ ވަނަ ލަނޑަކީ އޮމަޑޫ އަށް ހުހަށް ލިބުނު ފުރުސަތެއްގައި އީގަލްސްގެ ކީޕަރުވެސް ކަޓުވަލުމަށް ފަހު ކާމިޔާބު ކުރި ލަނޑެކެވެ.
ވިކްޓްރީގެ ތިން ވަނަ ލަނޑު މެޗްގެ ފަހު ވަގުތު ކާމިޔާބު ކުރީ މުހައްމަދު ރިޝްވާން އެވެ.
މި މެޗުން މޮޅުވުމުން ވިކްޓްރީ އަށްވެސް ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތް ވުމުގެ އުންމީދު އާ ކޮށްފަ އެވެ. ވިކްޓްރީ ހަތް ވަނައިގައި އޮތީ 16 ޕޮއިންޓާކު އެވެ.