އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ހަމާސްގެ ސިޔާސީ ލީޑަރު ހާލިދު މިޝޭލް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުން ބޭރުގައި ހުންނަވާ ހަމާސްގެ ހިންގުމުގެ މަސައްކަތް ކުރައްވާ މިޝޭލް ހަމާސްގެ ސިޔާސީ ގޮފީގެ ލޯޑަރުކަމަށް އިންތިހާބު ކުރީ 1996 ގައެވެ. އިސްރާއިލުން ވަނީ 1997 ވަނަ އަހަރު މިޝޭލް އަވާހަރަ ކޮށްލުމަށް އޭނާއަށް ހަމަލާތަކެެއް ވެސް އަމާޒުކޮށްފަ އެވެ. އެހެން ނަމަވެސް، އުރުދުންގެ ކުރީގެ ރަސްގެފާނު ހުސައިން ބިން ތޮލާލްގެ ޕްރެޝަރުގެ ސަބަބުން އިސްރާއީލުގެ އެ މަސައްކަތް ވަނީ ފެއިލްވެފަ އެވެ. އޭނާގެ ހަށިގަނޑަށް ވައިރަހެއް ފޮނުވާލައިގެން މަރާލުމަށް ކުރި މަސައްކަތުން އޭނާ ސަލަމަތްވީ އުރުދުންގެ ޝާހީ ހޮސްޕިޓަލްގައި ދިން ފަރުވާ ތަކުންނެވެ.
އެންމެ ފުރަތަމަ އުރުދުންގައި ދިރިއުޅުއްވުމަށްފަހު އޭނާ ފަހުން ދިރިއުޅުން ބަދަލު ކުރެއްވީ ސީރިޔާއަށެވެ. ސީރިޔާގެ ދާހިލީ ހަމަނުޖެހުމުގެ ސަބަބުން ސީރިޔާ ދޫކޮށް 2012 ވަނަ އަހަރުން ފެށިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ ގަތަރުގަ އެވެ.
ހަމާސްގެ ކޯ ފައުންޑާ އަބްދުލް އަޒީޒު ރަންދީސީ 2004 ވަނަ އަހަރު އިސްރާއީލުން މަރާލުމުން، ހަމާސްގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ބަލަނީވެސް މިޝޭލް އެވެ.
"އަންނަ އަހަރުން ފެށިގެން ހާލިދު މިޝޭލް ވެގެންދާނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ކުރީގެ ލީޑަރަށް" އަންނަ އަހަރު އޮންނަ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަން އިއުލާން ކުރުމުގެ ގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވިި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އުމުރުން 60 އަހަރުގެ މިޝޭލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމާސް ވަކިން ގާޒާ ސިޓީ ހިންގުމަކީ އެޅުނު ނުރަނގަޅު ފިޔަވަޅެއް ކަމަށާއި އަދި ފަތަހަ ޖަމާއަތުންވެސް ހަމާސް އެކަހެރި ކުރުންވީ އެ ޖަމާއަތަށް އެޅުނު ނުރަނގަޅު ފިޔަވަޅަކަށް ކަމަށެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން މިޝޭލް ވަނީ ފަތަހަ ބައިވެރިކޮށްގެން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައެވެ.