އިންޑިއާގެ ގޯއާގައި މިއަދު ފެށި އޭއެފްސީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ވަޑައިގެންނެވީ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީގެ ހާއްސަ ދައުވަތަކާއެކުއެވެ.
ތޯރިގް އޭއެފްސީ ކޮންގްރެސްއަށް ވަޑައިގެންނެވިއިރު، އޭއެފްސީއިން ވަނީ އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލްއަށްވެސް ހާއްސަ ދައުވަތެއް އަރުވާފައެވެ.
ނަމަވެސް އެފްއޭއެމްގެ ފަރާތުން ރަސްމީކޮށް ވަޑައިގެންނެވީ އެފްއޭއެމް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އެއިދާރާގައި މަސައްކަތް ކުރަމުން އަންނަ ހުސައިން ޖަވާޒުއެވެ. ރާއްޖެ ތަމްސީލު ކުރުމަށް ކޮންގްރެސްގައި ވޯޓް ދީފައިވަނީ ޖަވާޒުއެވެ.
މިއަދު ބާއްވަން އުޅުނު ކޮންގރެސްގެ އެޖެންޑާ ފާސް ނުވުމުން ކޮންގރެސް ވަނީ ކެންސަލް ކޮށްފައެވެ. މިއަދު ކޮންގްރެސްގެ އެޖެންޑާގައި ހަމަޖެހިފައި އޮތީ ފީފާގެ ކައުންސިލަށް ހޮވާ އޭއެފްސީގެ މެންބަރުން އިންތިހާބު ކުރުމެވެ. ކޮންގްރެސް ނުބޭއްވި ކެންސލް ވުމުން އަލުން ކޮންގްރެސް ބާއްވާނެ ތާރީހެއް އޭއެފްސީއިން އިއުލާންކޮށްފައެއް ނުވެއެވެ.