ދުނިޔެ

މިއަހަރުގެ ސާކް ސަމިޓްގައި ބައިވެރިނުވާން އިންޑިއާ ނިންމައިފި

Sep 27, 2016

އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބާއްވަން ނިންމާފައިވާ ސާކް ސަމިޓްގައި ބައިވެރިނުވާން އިންޑިއާއިން ނިންމައި އެކަން ސާކްގެ ސެކްރެޓަރީ ޖެނެރަލަށް އަންގައިފި އެވެ. އިންޑިއާއިން އެގޮތަށް ނިންމީ ޒަމާންވީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ ޕާކިސްތާނުގެ އަރައިރުން ބޮޑުވުމާ ގުޅިގެންނެވެ.

ރާއްޖެ ވެސް މުހިންމު ދައުރެއް އަދާކުރާ ސާކްގެ ސެކްރެޓޭރިއަޓްކަން ކުރާ ނޭޕާލްއަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މިވަގުތު ހާލަތު އޮތް ގޮތުން ޕާކިސްތާނުގައި ބާއްވާ ސަމިޓެއްގައި އިންޑިއާއިން ބައިވެރިވާން އުޒުރުވެރިވާ ކަމަށެވެ. ސަބަބުތައް ދައްކަމުން އިންޑިއާއިން ބުނެފައި ވަނީ، ސަރަހައްދީ ރޮގު ހުރަސްކޮށްދޭ ޓެރަރިސްޓް ހަމަލާތައް އިތުރު ވުމާއި ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހުމަށް، "ގައުމަކުން" އިންތިހާއަށް ކުރާ މަސައްކަތްތައް އިތުރުވެފައިވާ މިދަނޑިވަޅަކީ މިފަދަ ސަމިޓެއް ބޭއްވުމަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އެފަދަ ސަމިޓަކުން ނެރެވޭނެ ނަތީޖާއެއް ނެތް ކަމަށް އިންޑިއާއިން ބުންޏެވެ.

"އެހެން ގައުމުތަކުން ވެސް މި ނިންމުމަށް ތާއީދުކޮށް ސަމިޓްގައި ބައިވެރިނުވާން އަންނަނީ ވިސްނަމުން،" އިންޑިއާއިން ބުންޏެވެ. ދަ ހިންދޫ އިން ބުނީ، އިންޑިއާގެ ނިންމުމަށް ތާއީދުކޮށް ސާކް ސަމިޓް ބޮއިކޮޓް ކުރަން ނިންމީ، އަފްގާނިސްތާން، ބަންގްލަދޭޝް އަދި ނޭޕާލް އެވެ.

ޕާކިސްތާނާ އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާ ކޮންޓްރޯލް ކުރާ ކަޝްމީރުގެ ޔޫރީގެ ސިފައިންގެ މަރުކަޒަކަށް ބޮމުގެ ހަމަލާއެއް ދީ އެތައް ސިފައިންނެއް މަރާލި މައްސަލައިގަ އެވެ. މި ހަމަލާ ކުރިމަތިވީ އިންޑިއާ ކޮންޓްރޯލް ކުރާ ކަޝްމީރުގައި އިންޑިއާޔާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރަން ފެށުމުން، އެކަން ހުއްޓުވަން އިންޑިއާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.

އިންޑިއާއިން ތުހުމަތު ކުރަނި، އެކަންތައްތަކުގެ އަޑީގައި ވަނީ ޕާކިސްތާނު ކަމަށާއި އެ ގައުމުން ޓެރަރިސްޓުންނަށް ވާގި ވެރިވަމުން އަންނަ ކަމަށެވެ. އަދި ކަޝްމީރުގެ މައްސަލައިގައި އިންޑިއާއިން އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އެ މައްސަލަ އދ ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ޕާކިސްތާނުން ވަނީ ގެނެސްފަ އެވެ. އެކަމާ ގުޅިގެން އިންޑިއާއިން ރުޅިގަދަވެ ބުނެފައި ވަނީ ޕާކިސްތާނު ބައިނަލްއަގުވާމީ މުޖުތަމައުން އެކަހެރި ކުރާނެ ކަމަށާއި ޕާކިސްތާނަކީ ޓެރަރިސްޓުންނަށް ހިތްވަރު ދޭ އަދި ޓެރަރިސްޓުން ތަމްރީން ކުރާ ގައުމެއް ކަމަށެވެ.