ދުނިޔެ

އިސްރާއީލްގެ ކުރީގެ ބޮޑު ވަޒީރު ޝިމޯން ޕެރޭޒް އަވަހާރަވެއްޖެ

Sep 28, 2016
6

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެތައް ގަތުލު އާންމެއް ހިންގުމަށް އިސްރާއީލްގެ އަސްކަރިއްޔާއަށް ބާރު އެޅި އިސްރާއީލްގެ ކުރީގެ ބޮޑު ވަޒީރު ކަމާއި ރައީސްކަން ވެސް ކޮށްފައިވާ ޝިމޯން ޕެރޭޒް އުމުރުން 93 އަހަރުގައި މިއަދު އަވަހާރަ ވެއްޖެ އެވެ.

އޭނާ މަރުވެފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ޖެހުނު ސްޓްރޯކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ހުޅަނގުގެ ގައުމު ތަކުގެ ކުރިމަތީގައި އިސްރާއީލްގެ މޫނު މަތި ރީތި ކުރުމަށް މަސައްކަތް ކުރި ނަމަވެސް އަރަބިންނާއި މުސްލިމު ދުނިޔެ ޕެރޭޒްއާ މެދު ދެކެނީ ފަލަސްތީނުގެ އެތައް ކުޑަކުދިންނަކާއި އަންހެނުންނެއްގެ "ގާތިލެއް" ގެ ގޮތުގަ އެވެ.

ޕެރޭޒް އުފަންވީ 1923 ވަނަ އަހަރު ބެލަރޫސް އަށެވެ. އެއަށްފަހު 1930 ވަނަ އަހަރު އޭނާގެ އާއިލާ ވަނީ ފަލަސްތީނަށް ހިޖުރަކޮށްފަ އެވެ. އޭރު ޕެރޭޒުގެ އުމުރުން 10 އަހަރެވެ. ޒުވާން ދުވަސް ވަރު ޕެރޭޒް ވަނީ ޔަހޫދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހައްގާނާ ހަނގުރާމަވެރި ޖަމާއަތާ ގުޅިފަ އެވެ. ހައްގާނާއިން 1947-1949 ށް ފަލަސްތީނުގެ ނަކަބާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުތަކުގައި އޭނާ ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ.

އިސްރާއީލް އުފެދުމުގެ ކުރިންވެސް ޕެރޭޒް ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލު އާންމު ހިންގުމަށް ޒައިނިސްޓް ހަނަގުރާމަވެރި ޖަމާއަތްތަކަށް ބާރު އަޅާފަ އެވެ. ނަވާރަސްތޭކަ ސާޅިސް އަށް ވަނަ އަހަރު އިސްރާއީލް އުފެދުމުގެ ކުރިން ޕެރޭޒް ބުނެފައިވަނީ "މިހާރު އިސްރާއީލްގެ ބިމުގައި އެކައްޗެއްވެސް ނެތް" ކަމަށެވެ.

އޭނާގެ ޓްރެކް ރެކޯޑްތައް މި ގޮތަށް ހުރި ނަމަވެސް 1993 ގައި ސުލްހަޔަށް މަސައްކަތް ކުރުމުގެ އެވޯޑް، "ނޯބަލް ޕީސް ޕްރައިޒް" އޭނާއށް ވަނީ ދީފަ އެވެ.

ޕެރޭޒް ވަނީ އިސްރާއިލްގެ ބޮޑުވަޒީރު ތިން ފަހަރެއްގެ މަތިން ކުރައްވައިފަ އެވެ. އަދި 12 ކެބިނެޓެއްގައި ވަޒީރުކަން ވެސް އޭނާ ކުރެއްވި އެވެ.