ދުނިޔެ

އިތުރު ތިން ގައުމެއް ސަމިޓް ބޮއިކޮޓްކޮށްފި، ރާއްޖެއިން ގޮތެއް ނުނިންމާ

Sep 28, 2016

އަންނަ ނޮވެމްބަރު މަހު ޕާކިސްތާންގައި ބާއްވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖަމްއިއްޔާގެ ބައްދަލުވުން ނުވަތަ ސާކް ސަމިޓް އިންޑިއާއިން ބޮއިކޮޓް ކުރިއިރު ބަންގުލަދޭޝް އާއި އަފްގާނިސްތާންގެ އިތުރުން ބޫޓާންވެސް އެ ސަމިޓް ބޮއިކޮޓް ކޮށްފި އެވެ.

މަސްރަހު ހޫނުވެފައިވާ ކަޝްމީރުގެ މައްސަލައާ ހެދި ޕާކިސްތާންގައި ބާއްވާ ސަމިޓް އިންޑިއާއިން ބޮއިކޯޓް ކުރީ ޓެރަރިޒަމްއަށް ހިތްވަރުދޭ ގައުމަކާއެކު ސަރަހައްދީ ގުޅުންތައް ބަދަހި ނުކުރެވޭނެ ކަމަށް ބުނެ އެވެ.

މި ހަތަރު ގައުމުން ޕާކިސްތާންގައި ބާއްވާ ސަމިޓް ބޮއިކޮޓް ކުރިއިރު، ރާއްޖެ އާއި އަވަށްޓެރި ޝްރީލަންކާ އަދި ނޭޕާލުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

"ސާކް ސަމިޓް ބާއްވާ ގައުމުގައި ސަމިޓް ބޭއްވޭނެ ފަދަ މާހައުލެއް އުފެއްދުމަށް މަސައްކަތް ނުކުރާތީ 19 ވަނަ ސާކް ސަމީޓްގައި ބަންގްލަދޭޝް ބައިވެރި ނުވުމަށް ނިންމަން" ބަންގުލަދޭޝްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ސާކްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަމުންދާ ނޭޕާލްގެ މަސްދަރަކުން ބުނެފައިވަނީ އަފުގާނިސްތާންގެ އެތެރޭގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެ ސަމިޓަށް ވަޑައިގަނެވޭނެ މާހައުލެއް އޮތް ކަމަށް އަފުގާނިސްތާންގެ ރައީސް މުހައްމަދު އަޝްރަފު ގާނީ އަށް ފެނިވަޑައިނުގަންނަވާ ކަމަށް މިހާރު ރިޔާސަތު ބަލަހައްޓާ ނޭޕާލަށް ވަނީ އަންގާފަ އެވެ.

ބޫޓާންގެ ރަސްގެފާނުގެ އޮފީހުން ބުނެފައިވަނީ ސަރަހައްދުގައި ޓެރަރިޒަމްގެ ވަބާ ބޮޑުވުމުން، ސަމިޓްގެ މަގުސަދު ހާސިލުވާނެކަމަށް ނުފެންނާތީ ސަމިޓްގައި ބައިވެރި ނުވުމަށް ނިންމާ ކަމަށެވެ.

ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ބައިނަލްއަގްވާމީ ދުނިޔެއިން ޕާކިސްތާން އެކަހެރި ކުރުމުގެ މަސައްކަތް އިންޑިއާއިން ކުރިއަށް ގެންދާނެ ކަމަށެވެ.