ބްލެކް ބެރީއިން ފޯނު އުފެއްދުން ހުއްޓާލައިފި އެވެ. ބްލެކް ބެރީ ފޯނު އުފައްދާ ކެނެޑާގެ ކުންފުނިން މިދިޔަ ބުދަ ދުވަހު އިއުލާނު ކުރި ގޮތުގައި އެ ކުންފުނިން އެންޑްރޮއިޑް ސޮފްޓްވެއާ ބޭނުން ކުރުމަށް އެންމެ ފަހުން ބައިވެރިވި ބިޑުންވެސް ނާކާމިޔާބުވުމާ ގުޅިގެން ފޯނު އުފެއްދުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކުންފުނިން ރާވައިފަވަނީ އިންޓާނަލް ހާޑްވެއާގެ ހުރިހާ މަސައްކަތެއް ހުއްޓާލަން. އެކަން ކުރަން ވިސްނަނީ އައުޓްސޯސްކޮށްގެން،" ބްލެކް ބެރީއިން ނެރުނު ބަޔާނެއްގައި އެކުންފުނީގެ ސީއީއޯ ޖޯން ޗެން ވިދާޅުވި އެވެ.
މިއާއެކު ބްލެކް ބެރީއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ދެވަނަ ކުއާޓާގައި އެކުންފުންޏަށް 371 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު ދެވަނަ ކްއާޓާގައި ބްލެކް ބެރީއިން 51 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވީ ނަމަވެސް މިއަހަރު އެ އަދަދު ވަނީ 334 މިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.
އެކުންފުނީގެ މި ނިންމުމާ ގުޅިގެން ތާރީހުގައި ވެސް އުފެއްދި އެންމެ ގިނަ މީހުން ބޭނުން ކުރި އެއް ފޯނަށް ނިމުމެއް އައީއެވެ. ބްލެކް ބެރީ ފޯނަކީ އެއް ޒަމާނެއްގައި މޮބައިލް ފޯންތަކުގެ މާކެޓުގެ އެއް ވަނާގައި ފިޔަ ޖަހަމުން އައި ފޯނެކެވެ. ނަމަވެސް ގިނަ އެހެން ފޯނު ކުންފުނިތަކާ އެއްފަދައިން ބްލެކް ބެރީއަށްވެސް އެޕަލް އައިފޯން އާއި ގޫގުލް އެންޑްރޮއިޑުން ކުރިއަރަމުން އައިވަރު އަނދާޒާ ނުކުރެވުނީ އެވެ.
އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ވޭތުވެ ދިޔަ އަހަރުތަކުގައި ބްލެކް ބެރީ ދިޔައީ މަޑުމަޑުން ފަނޑުވަމުންނެވެ. އެހެން ނަމަވެސް އެފޯނު ވަނީ ދެހާސް ނުވަ ވަނަ އަހަރުވެސް ފޯނުގެ މާކެޓުގެ ފަސް ވަނާގައި ނޮކިޔާގެ ފަހަތުގައި ހިފަހައްޓާލާފަ އެވެ.