ދުނިޔެ

ޕާކިސްތާނާއި އިންޑިއާ ސިފައިންގެ ވަރުގަދަ ކުރިމަތިލުމެއް

Oct 1, 2016

ޕާކިސްތާނާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ދެ ގައުމުގެ ސިފައިން މިއަދު ފަތިހު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ޕާކިސްތާނުގެ އިންޓަ ސާވިސް ޕަބްލިކް ރިލޭޝަން (އައިއެސްޕީއާރް) ބުނީ "ފަތިހު ހަތަރު ގަޑި ސުންމިނެޓުން ފެށިގެން ހެނދުނުގެ އަށެއް ޖެހުމާ ހަމަޔަށް ހަމަލާތައް ކުރިއަށް ދިޔަ" ކަމަށެވެ.

މި ކުރިމަތިލުންތަކުގައި އެއްވެސް ފަރާތެއްގެ އަސްކަރިއްޔަގެ ސިފައިންގެ މީހަކަށް ގެއްލުންވި ކަމެއް އައިއެސްޕީއާރު އިން ބުނެފައެއް ނުވެއެވެ.

ދެ ހާސް ތިން ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވަނީ ސަރަހައްދީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފައެވެ.

އޭގެ ފަހުން ޕާކިސްތާނާއި އިންޑިއާ ދެމެދު އެކި ހަމަނުޖެހުންތައް ހިންގިނަމަވެސް ސަރަހައްދީ ރޮނގު ކައިރީގައި ދެ ގައުމުގެ މިހާބޮޑު ކުރިމަތިލުން ހިނގާފައެއް ނުވެއެވެ.

މިއަދުގެ ހަމަލާތައް ބަދަލުކޮށްފައިވަނީ އިންޑިއާއިން ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ ޕާކިސްތާނުގެ ރޮނގު ސަރަހައްދަށް ހަމަލާތަކެއް ދިންތާ ދެ ދުވަސް ފަހުންނެވެ.

ޕާކިސްތާނާއި އިންޑިއާގެ މައްސަލަ މިހާ ބޮޑަށް ގޯސްވީ އިންޑިއާ އާއި ޕާކިސްތާނުންވެސް އެ ދެތަނުގެ މިލުކުވެރި ކަމާމެދު ދައުވާ ކުރާ ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިއާއިން ދެމުންގެންދާ ހަމަލާތަކާ ގުޅިގެންނެވެ.

އިންޑިއާއިން ބުނަނީ އެގައުމުން ހަމަލާ ދެމުންދަނީ އެގައުމުގެ ސަލަމާތައް ހުރަސް އަޅާ ހަތިޔާރު އެޅި ގުރޫޕްތަކާ ދެކޮޅަށް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ބުނީ ހަތިޔާރު ނެތް އާންމު ރައްޔިތުންނާ ދެކޮލަށްވެސް އިންޑިއާއިން ހަމަލާ ދެމުންދާ ކަމަށެވެ.