ގއ. ވިލިނގިލި

ގއ. ވިލިނގިލީ މަގުތަކުގައި ތާރު އަޅަން ފަށައިފި

ގއ. ވިލިނގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން މިއަދު ފަށައިފި އެވެ.

ވިލިނގިލި ކައުންސިލްގެ ރައީސް ސައުދް ހުސެން "އަވަސް" އަށް ވިދާޅުވީ އެރަށުގެ 16 މަގެއްގައި 6.5 ކިލޯ މީޓަރަށް ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެއް އަހަރު ދުވަސް ތެރޭގައި ނިންމަން ރާވާފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ. ނަމަވެސް އެ މަޝްރޫއަށް ހޭދަވާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

"ތާރު އެޅުން މިހާތަނަށް ވެސް ލަސްވީ ބައެއް ސަބަބުތައް އެބަ ހުރި. ބަނދަރު އެޅުމުގެ ބައެއް މަސައްކަތްތައް ވެސް ކުރިޔަށް ދާތީ އަދި ރައްޔިތުން އިތުރު މަގުތަކެއްގައި ވެސް ތާރު އެޅުމަށް އެދޭތީ ލަސްވީ. ނަމަވެސް މިހާރު އެ މަސައްކަތް ވަނީ ވަރަށް ބާރަށް ކުރިޔަށްދާން ފަށާފައި،" ސައުދު ވިދާޅުވި އެވެ.

ވިލިނގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު އިއްޔެ ވަނީ ބ. އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އަދި މާލޭގެ މަގުތައް ވެސް މިއަދު ވަނީ މަރާމާތު ކުރަން ފަށައިފައެވެ.