މިސީޒަންގައި ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއިން ބަލި ނުވެ ދަމަހައްޓަމުން އައި ރިކޯޑް ޓޮޓެންހަމް ހޮސްޕާއިން ނިމުމަކަށް ގެނެސްފިއެވެ.
އަމިއްލަ ދަނޑު ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗް ޓޮޓެންހަމް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމްއިން ސިޓީ ބަލިކުރުމުން، މިސީޒަންގެ ޕްރިމިއާ ލީގްގައި މީހަތަނަށް އެއްވެސް މެޗަކުން ބަލި ނުވެ އޮތް ޓީމަކީ ޓޮޓެންހަމްއެވެ.
ޓޮޓެންހަމްގެ ފުރަތަމަ ލަނޑަކީ މެޗްގެ ނުވަ ވަނަ މިނެޓްގައި ސިޓީގެ ކަލްރޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޓޮޓެންހަމްގެ ދެ ވަނަ ލަނޑު 37 ވަނަ މިނެޓްގައި ހުއަންގް މިން ސޮން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޑޭލް އަލޭއެވެ.
ދެ ވަނަ ހާފުގައި ޓޮޓެންހަމްއަށް ވަނީ މެޗްގެ ނަތީޖާ ފުޅާ ކުރުމަށް ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެރިކް ލަމޭލާ ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.
މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ދެ ވަނައިގައި އޮތް ޓޮޓެންހަމް ވަނީ ސިޓީ އާ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ސިޓީއަށް 18 ޕޮއިންޓް ލިބިފައިވާއިރު ޓޮޓެންހަމް ވަނީ 17 ޕޮއިންޓް ހަމަކޮށްފައެވެ.
މިއަދު ކުޅުނު އެހެން މެޗް ތަކަށް ބަލާލައިރު މެންޗެސްޓާ ޔުނައިޓަޑް ސްޓްރޯކް ސިޓީީއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ސައުތު ހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.