ރާއްޖެ ކުޅިވަރު

އޮފީސް ހަވާލުނުކުރާތީވެ، ވޮލީގެ އާ ރައީސް އޮފީހުން ބޭރުގައި

Oct 3, 2016
3

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ލަތީފް (ލަތީބެ)އަށް ކުރީގެ ހިންގާ ކޮމިޓީން އޮފީސް ހަވާލުނުކުރާތީވެ އޭނާ އަށް މަސައްކަތް ނުފެށި އޮފީހުން ބޭރުގައި ހުންނަން ޖެހިއްޖެ އެވެ.

މިކަމާ ބެހޭ ގޮތުން މިއަދު ސުވާލުކުރުމުން ލަތީބެ ވިދާޅުވީ ކުރީގެ ހިންގާ ކޮމިޓީން އޮފީސް ހަވާލުނުކޮށްތިބީ ކުރީގެ ނާއިބް ރައީސް ރަށުގައި ނޫޅުއްވާތީކަމަށް ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑު ގުޅިން ޖެނެރަލް ސެކްރެޓަރީ އަށް. އެބޭފުޅާ ވިދާޅުވަނީ ނާއިބް ރައީސް ރަށުގައި ނޫޅުއްވާތީއޭ އޮފީސް ހަވާލު ނުކުރެވިގެން އުޅެނީ. ނާއިބް ރައީސް ވަޑައިގަތީމަ އޮފީސް ހަވާލުކުރާނަމޭ،" ކުރީގެ ކުޅުންތެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ލަތީބެ ވިދާޅުވި އެވެ.

ވޮލީގެ ރައީސް ކަމަށް ލަތީބެ ވަޑައިގަތީ މިއަހަރު ކުރީކޮޅު ބޭއްވި ވޮލީ އިންތިހާބު ހޯމް މިނިސްޓްރީން ކެންސަލްކޮށް ބޭއްވި އާއިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ކުރީ ދެ ދައުރުގެ ރައީސް އަދި ކެންސަލްކުރި އިންތިހާބު ކާމިޔާބުކުރެއްވި ރައީސް މުހައްމަދު ރިޔާޒް އަލުން އިންތިހާބު ބޭއްވުމުން ކުރިމަތިނުލައްވަ އެވެ. އޭނާ ހުންނެވީ އިންތިހާބު ބާއްވަން ހޯމް މިނިސްޓްރީން ނެގި ފަސްމެމްބަރުންގެ ކޮމިޓީ އަށް އެސޯސިއޭޝަނުގެ ފަރާތުން އެހީތެރިވެދޭ ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް އިންތިހާބު ބޭއްވިރޭ އެތަނަށް ރިޔާޒް ވަޑައިނުގަންނަވަ އެވެ.

ވޮލީބޯޅަ އިންތިހާބަށް ފަހު އިތުރު މައްސަލަތަކެއް އުފެދިފައިވާއިރު ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ އެފްއައިވީބީގެ ކޮންގްރެސް ވަރަށް އަވަހަށް ބާއްވާނެ އެވެ. މި ކޮންގްރެސްގައި ރާއްޖެއިން ބައިވެރިވާނެ ބަޔަކު އަދި ނޭނގެ އެވެ.