ދުނިޔޭގެ ކަންކަން "އިސްލާހް" ކުރުމުގެ ނަމުގައި ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އުފެއްދި އެކުވެރި ދައުލަތުގެ ޖަމްއިއްޔާ (އދ) އަކީ ބައިނަލްއަގްވާމީ އިމެއްގައި ދުނިޔޭގެ ކަންކަން ހިންގުމަށް އުފައްދަފައިވާ ޖަމާއަތެކެވެ. އދ. ގެ ދަށުން އެކި ގޮފިތަކާއި ޖަމާއަތްތައް އުފެދިފައިވާއިރު، އދ. ގެ އެންމެ މުހިންމު ގުނަވަނަކީ ސަލަމާތީ މަޖިލީހެވެ. އެއީ މުޅި އދ. ގެ ވެސް އެންމެ އިސް ގުނަވަނެވެ. ދުނިޔޭގެ ކޮންމެ ގައުމަކާ މެދުވެސް ފިޔަވަޅު އެޅުމާއި ކަންކަން ނިންމުމުގެ ބާރު މި މަޖީލީހަށް ލިބިގެން ވެއެވެ.
ސަލާމަތީ މަޖިލީސް އެކުލެވިގެންވާ ގޮތުން ދާއިމީ ފަސް މެންބަރު ގައުމެއް ހިމެނޭއިރު ދެ އަހަރުގެ ދައުރައް އިންތިހާބުވާ 10 މެންބަރު ގައުމާއެކު ޖުމުލަ 15 މެންބަރުން ހިމެނޭ ގޮތަށެވެ. ދާއިމީ މެންބަރު ފަސް ގައުމަކީ ދުނިޔޭގެ އެންމެ ބާރު ގަދަ ފަސް ގައުމެވެ. އދ ގެ ނިންމުންތަކާއި ގައުމުތަކުގެ މައްޗަށް ފާސް ކުރާ ނިންމުންތައް ވެސް ބާތިލުކޮށް، ފިޔަވަޅު އެޅުމުގެ ބާރު މި ފަސް މެންބަރު ގައުމަށް ލިބިގެންވެއެވެ. މި ފަސް މެންބަރު ގައުމަކީ އެމެރިކާ އާއި ރަޝިޔާ އާއި އިނގިރޭސި ވިލާތާއި ފްރާންސް އަދި ޗައިނާ އެވެ.
އދ ގެ އޮނިގަނޑު އެކުލަވާލައިފައިވާ ގޮތުން މި ފަސް ގައުމުން ދުނިޔޭގެ ބާރު ކޮންޓްރޯލް ކުރުމަކީ އެހެން ގައުމުތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިދިޔަ މަހު ބޭއްވި އދ ގެ ޖެނަރަލް އެސަމްބްލީގައި އެންމެ ފަސް ގައުމުން މުޅި ދުނިޔޭގެ ކަންކަމަށް ބަސް ކިޔައި ބާރު ފޯރުވުން އޮންނާތީ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމަށް އެންމެ ބޮޑު ކަންބޮޑުވުންތަކެއް މިފަހަކަށް އައިސް ހުށަހަޅަމުންދާ ގައުމަކީ ތުރުކީއެވެ.
ތުރުކީގެ ވެރިރަށް އަންކާރާގައި ފެށި އިންޓަނޭޝަނަލް ސައިންސް އެންޑް ޓެކްނޮލަޖީ ކޮންފަރެންސް ހުޅުއްވައި ދެއްވުމަށް ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވަނީ އދ. ގެ މެންބަރު ގައުމުގެ ގޮތުގައި ހިމެނޭ ގައުމުތަކުގެ މައްޗަށް ފަސް ގައުމެއްގެ ބާރު އޮވެގެން ހިންގުމަކީ އިންސާފެއް ނޫން ކަމަށެވެ.
"މި ފަދަ ސިސްޓަމަކުން ކިހިނެއްތޯ އިންސާފް ލިބެނީ" އުރުދުގާން ވިދާޅުވިއެވެ. އަދި ސަލާމަތީ މަޖިލީހުގެ ވަގުތީ މެންބަރުން ކޮންމެ ދެ އަހަރަކުން ބަދަލުވާއިރު ނިންމުމެއް ނިންމުމުގެ ބާރު އެ ގައުމުތަކަށް ލިބިގެން ނުވާ މައްސަލައިގައި އުރުދުގާން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
އދ. ގެ ނިޒާމުތަކަށް އަލިއަޅުވާލަވަމުން އުރުދުގާން ވިދާޅުވީ އދ. އެކުލަވާލައިފައިވަނީ ހަމަހަމަ އުސޫލުން ނޫން ކަމަށާއި ދުނިޔެ ހަަމަހަމަަ ގޮތުގައި ތަމްސީލު ނުކުރާ ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް އަދުލުވެރިކަން ލިބުމުގެ ބަދަލުގައި އދ. އޮންނަނީ ވަކިކޮޅަކަށް ބުރަވެފައި ކަމަށެވެ.
އިސްލާމީ ގައުމެއް ނެތުން
ދުނިޔޭގެ އާބާދީގައި ދީންތައް ތަމްސީލު ކުރުމުގައި މުސްލިމުންނަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާބާދީއެވެ. އދ. ގެ ސަލާމަތީ މަޖިލީހުން މިހާތަނަށް އެންމެ ގިނަ ފަިޔަވަޅުތައް އަޅާފައިވަނީވެސް މުސްލިމުންގެ މައްސަލަތަކުގައެވެ. ނަމަވެސް އދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބޭ ގައުމުތަކުގެ ތެރޭގައި މުސްލިމް ގައުމެއް ނެތް ކަން އުރުދުގާން ވަނީ ފާހަގަކޮށްފައެވެ. ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާބާދީގެ ކަންކަން ނިންމާއިރު، މުސްލިމުން ތަމްސީލު ކުރާނެ ގައުމެއް ނެތެވެ.
ވީޓޯ ކުރުމުގެ ފުރުސަތު ޔޫރަޕްގެ ތިން ގައުމަށް
ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ އޭޝިއާގައެވެ. ޔޫރަޕްގެ އާބާދީ އަކީ ދުނިޔޭގެ ތިން ވަނައެވެ. ނަމަވެސް ޔޫރަޕުން ތިން ގައުމަކަށް ދުނިޔޭގެ ކަންކަމަށް ނުފޫޒު ހިންގައި ވިޓޯ ކުރުމުގެ ބާރު ވަނީ ދީފައެވެ. އެންމެ ބޮޑު އާބާދީ އޮތް އޭޝިއާ ނިސްބަތްވާ އެންމެ ގައުމެކެވެ.
އޭޝިއާއަށްފަހު ދެ ވަނަ އަށް އެންމެ ބައިބޯ ބައްރަކީ އެފްރިކާއެވެ. އެފްރިކާ ވަނީ މިބާރުން މަހްރޫމްކޮށްފައެވެ. އެފްރިކާގެ އިތުރުން ދެކުނު އެފްރިކާއަށްވެސް މި ފުރުސަތެއް ނެތެވެ.
މުޅި ދުނިޔޭގެ ކަންކަން ހުރީ މިހެންނެވެ. ދުނިޔެއަށް އިންސާފް ހޯދައިދޭނެ ކަމަށް ވައުދުވެ އުފެއްދި އދ. ވަނީ ފަސް ގައުމެއްގެ މުށުތެރޭގައި ފިތި ބާރުވެފައެވެ. ދެންތިބި ގައުމުގެ މައްޗަށް ވަނީ އެ ފަސް ގައުމުން ނެރޭ އަމުރުތަކަށް ކިޔަމަންވުން މަޖުބޫރުކޮށްފައެވެ. ކިޔަމަން ނުވެއްޖެނަމަ އަދަބު ދެއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ދުނިޔޭގެ މައި އިގްތިސޯދީ ނިޒާމުތަކުން މަހްރޫމްކުރެއެވެ. ދުނިޔެއަށް އިންސާފެއް ނެތެވެ. ދުނިޔޭގައި މިހާރު އޮތް "ވޯލްޑް އޯޑާ" އަށް އިންގްލާބެއް އަންނަން ޖެހެއެވެ. ދުނިޔެއަށް ސުލްހައާއި އިންސާފު އޮތީ އޭރުންނެވެ.