ދުނިޔެ

އާންމުންނަށް ހަމަލާ ދެނީ ރަޝިއާ އާއި ސީރިއާ އިން ކަމަށް ބުނެ އެމެރިކާ ރުޅިގަދަވެއްޖެ

Oct 4, 2016

ހުޅުފަޅައިގެން ގޮސްފައިވާ ސީރިޔާގެ މައްސަލަ އަށް ހައްލު ހޯދުމަށް ގާއިމު ކުރި ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ދެމެހެއްޓުމުގައި ރަޝިއާގެ އެއްބާރުލުން ނުލިބޭ ކަމަށާއި އާންމުން ނުރައްކަލަށް ހުށަހެޅޭ ފަދަ ގޮތަކަށް ސީރިއާއާ ގުޅިގެން ރަޝިއާ އިން ހަމަލާތައް ދެމުންދާ ކަމަށް ބުނެ ސީރިއާގެ ސުލްހައިގެ ވާހަކަތަކުން އެމެރިކާ ނުކުމެއްޖެ އެވެ.

އެމެރިކާއިން ތުހުމަތު ކުރަނީ ސީރިޔާގެ އާންމުންނަށް ދޭ ހަމަލާތަކަކީ ރަޝިއާ އާއި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ އަސްކަރިއްޔާއިން ދޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް މިދިޔަ މަހާއި އަދި އޯގަސްޓް މަހު އެމެރިކާއިންވެސް ވަަނީ ސީރިޔާގެ އާންމުންނަށް ހަމަލާ ދީފައެވެ.

މިދިޔަ ހަފުތާގައި އެމެރިކާއިން ބުނެފައިވަނީ ރަޝިޔާއިން ހަލަބުގެ ސަރަހައްދަށް ބޮން އެޅުން ނުހުއްޓާ ހިނދެއްގައި ރަޝިޔާއާ އެކު އެއްވެސް ވާހަކަ އެއް ނުދައްކާނެ ކަމަށެވެ.

އެމެރިކާގެ ފިޔަވަޅާ ގުޅިގެން ރަޝިޔާއިން ބުނެފައިވަނީ، އެމެރިކާއިން މަސައްކަތް ކުރަނީ މިދިޔަ މަހު އެމެރިކާއިން ދިން ހަމަލާތަކުގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާ ލުމަށް ކަމަށެވެ.

އެމެރިކާ އާއި ރަޝިޔާއާއި ސީރިޔާގެ އިދިކޮޅު ފަރާތްތަކާ ދެމެދު ގާއިމު ކުރި ހަނގުރާމަ ހުއްޓާލުމާ ބެހޭ ސުލްހައިގެ އެއްބަސްވުން، މީގެ ދެހަފުތާ ކުރިން ނިމުމުގެ ކުރިން ހަލަބުގެ ސަރަހައްދުތަކަށްވަނީ ގިނަ އަދަދަކަށް ބޮމުގެ ހަމަލާތައް ދީފައެވެ.

ސީރިޔާގެ ސަރުކާރުގެ އަސްކަރީ ކޯލިޝަނުން ހަލަބުގެ ސަރަހައްދުތަކަށް ހަމާލާ ދިން ފަހުން 100 ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އަދި މިދިޔަ ހަފުތާއިން ފެށިގެން ހަލަބުގެ އެންމެ ބޮޑު ހޮސްޕިޓަލަށް ވަނި ދެ ފަހަރެއްގެ މަތިން ބޮމުގެ ހަމަލާ ދީފައެވެ.

ހަލަބުުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 250000 ވުރެ ގިނަ މީހުން ވަނީ ތާށިވެފައެވެ.

ސީރިޔާގެ މައްސަލައިގައި ރަޝީޔާއިން މަދަދު ދެނީ ބާއްޝާރުގެ އަސްކަރިއްޔާއެވެ. އެމެރިކާއިން މަދަދު ދެނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށެވެ.