ގައުމީ ބާސްކެޓް ބޯޅަ ލީގް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޓީރެކްސް ކުލަބު ހޯދައިފިއެވެ.
ލީގް ޗެމްޕިއަންކަން ޓީރެކްސް ހޯދީ ރޭ ކުޅުނު މުބާރާތުގެ އެންމެ ފަހު މެޗްގައި ރެޑްލައިން ކުލަބުގެ މައްޗަށް 74-70 ޕޮއިންޓް ކާމިޔަބު ހޯދައި ލީގް ތާވަލުގެ އެންމެ ކުރި ލިބުމުންނެވެ.
ޓީރެކްސް އާއި ރެޑްލައިން ކުލަބަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނަމަވެސް ޓީރެކްސް އަށް ކުރި ލިބެނީ ކުޅުނު މެޗްތަކުން ގިނަ ޕޮއިންޓް ހޯދައިފައިވުމުންނެވެ.
މުޅި މުބާރާތުގައި ޓީރެކްސްއިން 714 ޕޮއިންޓް ހޯދާފައިވާއިރު ރެޑްލައިން ކުލަބަށް ހޯދިފައިވަނީ 700 ޕޮއިންޓެވެ.
މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ދަ ބައުސްއެވެ. އެޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.
މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީރެކްސްގެ ރިކިން ޕެތާނީއެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރެޑްލައިން ކުލަބުގެ އެލެން ޓްރެޕޮލޮވިޗްއެވެ. މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކީވެސް އޭނާއެވެ. ބެސްޓް ޕޮއިންޓް ގަޑަކަށް ހޮވިފައިވަނީ ރެޑްލައިންގެ މުހައްމަދު ޒިލާލް (ޒިލާ) އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކްވާން) އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނި ޓީރެކްސްގެ ކޯޗް ކުރީގެ އެއްވަނަ ކުޅުންތެރިޔާ އިލްޔާސް އިބްރާހިމްއެވެ.