ޔުނައިޓަޑް އެރަބް އެމިރޭޓްސްގައި 2019 ވަނަ ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން އިން ޖާގަ ހޯދުމަށް ލާއޯސްއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގް މެޗްގައި ވެސް ބަދަލެއް ނާންނާނެ ކަމަށާއި ދެވަނަ މެޗްގައި ވެސް މަސައްކަތް ކުރާނީ ފުރަތަމަ ލެގް މެޗްގައި މަސައްކަތް ކުރި ގޮތަށް ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފި އެވެ.
ލޯއޯސްއާ ދެކޮޅަށް މާލޭގައި މިދިޔަ މަހު ހަ ވަނަ ދުވަހު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 4-0 ން ނެވެ.
ފުރަތަމަ މެޗްގައި އެ ނަތިޖާއިން މޮޅުވުމުން، ދެ ވަނަ ލެގް މެޗް ކުޅުންތެރިން ފަސޭހަ ކޮށްލާފާނެ ތޯ ސުވަލުކުރުން ސްޓެވާޓް ބުނީ ފުރަތަމަ ޕްރެކްޓިސް އަށް ފަހު އެކަން ކޯޗިން ސްޓާފުންނާ ހިއްސާ ކުރި ކަމަށެވެ.
"ތިން ދުވަހުގެ ޕްރެކްޓިސް އަށް ފަހު ކުޅުންތެރިން މަސައްކަތް ރަނގަޅު، ފުރަތަމަ ދުވަހުވެސް އަހަރެން ރާއްޖޭގެ ކޯޗް ކަމާ ހަވަލުވި ދުވަހުވެސް އަހަރެން ބުނިން އަހަރެން ބޭނުމެއް ނެތޭ ރާއްޖެ ބަލިވާކަށް. އެހެންވެ މެޗް ފަސޭހަ ކޮށް ނުލާނެ ކަމަށް ޔަގީންކަން ދެން" ސްޓެވާޓް ބުންޏެވެ.
ލާއޯސްއާ ދެކޮޅަށް އެ ގައުމުގައި ރާއްޖެ ކުޅޭ މެޗަކީ ސްޓެވާޓްގެ ކޯޗިން ކެރިއާގައި އިންޓަނޭޝަނަލް ފުޓްބޯޅައިގައި އޭނާ ކުރިމަތިލާ ފުރަތަމަ އަވޭ ގޭމެވެ. ރާއްޖެއަށް އަވޭ ގޭމްތަކުގައި ރަަނގަޅު އެޓޭކިން ގޭމެއް ނުކުޅެވޭ ކަމަށް ނޫސްވެރިޔަކު ސުވާލު ކުރުމުން ސްޓޭވާޓް ބުނީ ރާއްޖޭއިން ޑިފެންސިވްގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ފުރަތަމަ މެޗްގައި ފެނުނު ގޮތަށް އެޓޭކިން ފުޓްބޯޅައެއް ކުޅުމަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.
"ފުރަތަމަ މެޗްގައި ރާއްޖެއަށް، ޑިފެންސިވް ބައެއް މައްސަލަތައް ކުރިމަތިވި. އަހަރެން މި މަސައްކަތް ކުރަނީވެސް އެކަމަށް. އެކަމަކު، ޑިފެންސް ކުރުމަށް ފަހަތުގައި އަހަރެމެން ނުތިބޭނަން. ފުރަތަމަ މެޗެކޭ އެއްގޮތަށް އެޓޭކްވެސް ކުރާނަން" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓް ވަނީ ލޯއޯސްގައި ކުޅޭ މެޗްގައި އެޓީމުގެ ކެޕްޓަން ކަމްޕެންގް ސަޔަވުއްތީގެ ކުޅުމާމެދު ސަމާލުވާން ޖެހޭކަން ފާހަގަކޮށްފަ އެވެ.
"އެޓީމުގެ ކެޕްޓަންއަކީ ނުރައްކާ ކުޅުންތެރިއެއް. އޭނާ އަކީ ދިގު ބޯޅަތަކުން، ނުރައްކާތެރި ހަމަލާ އުފައްދާ ކުޅުންތެރިޔެއް. ނަމަވެސް އަހަރެމެންނަށް އެ ޓީމުގެ އެޓޭކްތައް ލިމިޓް ކުރެވިދާނެ، އެކަމަށް އަހަރެމެން ތައްޔާރު ވާނަން" ސްޓެވާޓް ބުންޏެވެ.
ލޯއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ ދެ ވަނަ ލެގް މެޗް އޮންނާނީ މިމަހު 11 ވަނަ ދުވަހު ލައޯސްގެ ވެރިރަށް ވިއެންޓިއާންގެ ނިއު ލާއޯސް ސްޓޭޑިއަމްގައި، ރާއްޖޭ ގަޑިން އެދުވަހު ހަވީރު ހަތަރެއް ޖަހާއިރު އެވެ.