މަސްތުވާތަކެތި

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 10 އަހަރަށް ޖަލަށް

މަސްތުވާއެއްޗެއް ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށްލުމަށް ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. އެ މައްސަލައާ ގުޅިގެން ހުކުމްކޮށްފައި ވަނީ މަކުނުދޫ، އޯޝަންލީޑް، އުމުރުން 27 އަހަރުގެ އަހުމަދު ސުހައިލް އެވެ.

ދައުލަތުން ސުހައިލްގެ މައްޗަށް މަސްތުވާއެއްޗެއް ޓްރެފިކް ކުރިކަމުގެ ކުށުގެ ދައުވާ އުފުލީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުގެ މާލެއިން އޭނާގެ މުކުނުދޫއަށް އައި ބޯޓަކުން ގެނައި ދެ ފޮށިގަނޑު ހިފައިގެން އޭނާ ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ހުރި 103 ރަބަރު ޕެކެޓް ފެނުނު މައްސަލައާއި ގުޅިގެންނެވެ.

އެ މައްސަލާގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހު 26 ގައި ކުރި ހުކުމުގައި ބުނަނީ ސުހައިލްއަށް ދިންކަމަށް ބަޔާންކޮށްފައިވާ ގޮތް ނޭނގޭ މީހާއަކީ ކާކުކަން ޝަރީއަތަށް ސާބިތުކޮށްނުދެވޭނެ ކަމަށް އޭނާ ބުނެފައިވާތީ އެ މަސްތުވާތަކެއްޗާއި މެދު ޝަރީއަތާއި ގާނޫނުގެ ކުރިމަތީގައި ޒިންމާ އުފުލަންޖެހޭ މީހަކީ ސުހައިލްކަމަށެވެ. އަދި ހުށަހެޅިފައިވާ މާއްދީ ހެކިތަކަށް ބަލާއިރު ސުހައިލްގެ މައްޗަށް ކޮށްފައިވާ ދަޢުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމުގައި ވެއެވެ.

އެހެންކަމުން މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުން ސުހައިލް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމް ކުރިއެވެ. އަދި އެ ފައިސާ ދައްކަން ޖެހެނީ ހުކުމްކުރާ ތާރީހުން ފެށިގެން މަހެއް ތެރޭގައެވެ.