ވިޔަފާރި

ޑިމާންޑު ބޮޑުވެ، ރާއްޖެ އަންނަ ފްލައިޓްތައް ބޮޑު ކުރަނީ

  • ޓޫރިޒަމް ސީޒަންގައި ދަތުރުތައް އިތުރު ކުރާނެ
  • ރާއްޖެ އަންނަ އެއާލައިންތަކަށް ވިޔަފާރި ރަނގަޅު
  • އެއާލައިންތައް އިތުރުވާނެ

ކުރިއަށް އޮތް ޓޫރިޒަމްގެ އާ ސީޒަންތަކުގައި ޑިމާންޑް ބޮޑުވާނެތީ، ރާއްޖެ އަށް އުދުހޭ ބޭރުގެ އެއާލައިންތައް އަޕްގްރޭޑްކޮށް، ބޮޑެތި ފްލައިޓްތަކުގެ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ޓޫރިސްޓު ސީޒަންގައި މާ ބޮޑުތަން ދަށްވާނެ ކަމަށް ނުބެލޭ ކަމަށާއި، ސީޒަންއާ ދިމާކޮށް، އެއާލައިންތައް އަޕްގްރޭޑް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ސީޒަންގައި އެއާލައިންތައް މާބޮޑުތަން މަދުވާނެ ކަމަކަށް ނުބެލެވޭ. ބައެއް އެއާލައިންތައް އަޕްގްރޭޑް ކުރަމުން ވެސް އެބަދޭ. 30 އޮގަސްޓުން ފެށިގެން އެއާ އޭޝިޔާ އިން ވެސް އޭ-320 ގެ ބޯޓަކަށް މި ބަދަލު ކުރީ. އޭގެ މާނައަކީ މިހާރު ޕެސެންޖަރުން އުފުލާ ވަރަށް ވުރެ ޑަބަލް އިތުރު ކުރަނީ. ހަމަ އެއާއެކު ގަތަރު އެއާވޭސް ވެސް. ފްލައިޓުވެސް އަޕްގޭޑް ކުރޭ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ނޯމަލީ ދަތުރުކުރާ އެއްވެސް އެއާލައިނެއްގެ ދަތުރުތައް ކެންސަލް ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ކުދި ފްލައިޓްތައް ބޮޑު ފްލައިޓްތަކަށް ބަދަލު ކުރަނީ. އެއާލައިން ތަކުން ލިޔުން ފޮނުވަމުންދޭ. މި މަހުގެ ތެރޭގައި ވެސް އިތުރު ބޯޓުތައް އިތުރު ވެގެންދޭ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލައިޓްތައް އިތުރުވާނީ، ފަސިންޖަރުން ލިބޭ ވަރަށް ބަލާފައި ކަމަށެވެ.

"އަޅުގަނޑަަށް ނޭނގޭ ޓޫރިޒަމް ހީނަރު ވެގެން ކަމެއް. އެކަމަކު ފްލައިޓްތައް އިތުރުކުރާނީ ފަސިންޖަރުން ލިބޭނެތީ،" އާދިލް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ހަތް ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.