ނަމެއް އަދި އިއުލާނުކޮށްފައި ނެތަސް ޗައިނާ ސަރުކާރުގެ އެހީއާ އެކު މިސްރުން ފަށާފައިވާ މި މެގަ ޕްރޮޖެކްޓް ނިމޭއިރު ވެރިރަށް ގާހިރާ ދޫކޮށް މިސްރު ސަރުކާރުގެ މައި މަރުކަޒު މި ޒަމާނީ ސިޓީއަށް ބަދަލުވެގެންދާނެ އެވެ. ޗައިނާގެ ނިކަން ބޮޑު މާލީ އެއްބާރުލުމަކާ އެކު މި ޒަމާނީ ސިޓީ ތަރައްގީކުރަނީ ގާހިރާގެ ގާހިރާގެ އިރުމަތީ ބިތުގަ އެވެ.
މި ސިޓީގެ ފުރަތަމަ ފޭސްގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ނިންމަން އެއްބަސްވެފައިވާއިރު ޗައިނާގެ ފޯޗުން ލޭންޑް ޑިވެލޮޕްމަންޓް ކޮމްޕެނީން ފުރަތަމަ މަރުހަލާގައި މި ސިޓީ އަށް 20 ބިލިއަން އެމެރިކާ ޑޮލަރުގެ ތަރައްގީ ގެންގޮސްދޭނެ އެވެ. މީގެ އިތުރުން ޗައިނާގެ ސަރުކާރު ހިއްސާވާ އެހެން ކުންފުންޏަކުން ވަނީ 15 ބިލިއަން ޑޮލަރުގެ އިންވެސްޓްތަކެއް ވެސް ކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ.
ޗައިނާގެ މިފަދަ ދީލަތި އެހީތަކާ އެކު މިސްރުގެ ޒަމާނީ މި "ވެރިރަށުގެ" ފުރަތަމަ މަރުހަލާގެ ބަޖެޓް މިހާރު ވެސް 45 ބިލިއަން ޑޮލަރަށް އަރަ އެވެ.
މިސްރު ސަރުކާރުން މި ސިޓީގެ މަސައްކަތް އިއުލާނުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ސަރުކާރުން ބުނެފައި ވަނީ މިއީ ވަތަނީ ރޫހު ބޮޑު ގާހިރާގެ ބަދަލުގައި ދިރިއުޅުމުގެ އާ މާހައުލަކާއި މަސައްކަތުގެ އާ ތަޖުރިބާތަކެއް އާންމުންނަށް ހޯދައިދޭނެ ސިޓީއަކަށް ވެގެންދާނެ ކަމަށެވެ.
މި ސިޓީ ތަރައްގީކުރާނީ 700 އަކަ ކިލޯމީޓަރުގެ ބިމެއްގަ އެވެ. މިއީ ފަސް މިލިއަން މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެކެވެ. މި ސިޓީގައި 1000 މިސްކިތާއި ސްމާޓް ވިލެޖުތަކާއި އިންޑަސްޓްރިއަލް ޒޯންތަކުގެ އިތުރުން ދުނިޔޭގައި މިހާތަނަށް ތަރައްގީކުރާ އެންމެ ބޮޑު ޕާކު ވެސް އޮންނާނެ އެވެ.
ޗައިނާގެ އިތުރުން ބޭރުގެ އެހެން ބޮޑެތި ގައުމުތަކުގެ ޝައުގުވެރިކަން ވެސް ވަނީ މިސްރުގެ މި ޒަމާނީ ސިޓީ އަށް ދަމައިގެން ގޮސްފަ އެވެ. އެގޮތުން ސައޫދީ އަރަބިއްޔާ އިން ވެސް ވަނީ 12.6 ހެކްޓަރުގެ ބޮޑު މިސްކިތަކާއި އިސްލާމިކް މިއުޒިއަމްއެއް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.