ހަބަރު

ފުރަތަމަ މެކޭނިކަލް ޕާކިން ސިސްޓަމް އަންނަ މަހު

މާލޭގައި ގާއިމް ކުރާ މެކޭނިކަލް ޕާކިން ސިސްޓަމްގެ ތެރެއިން އެއް ސިސްޓަމް އަންނަ މަހު ރާއްޖެއަށް ގެންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެސްޓީއޯއާ ހަވާލުކޮށްގެން ގެންނަ ކާރު ޕާކިން ސިސްޓަމްގެ ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކު ކުރެވޭނެ ކަމަށެވެ.

އަދި ސައިކަލު ޕާކިން ސިސްޓަމެއްގައި 100 ސައިކަލު ޕާކު ކުރެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ކާރު ޕާކު ކުރާ އެއް ސިސްޓަމް ސިސްޓަމް އަންނަ މަހު ރާއްޖެ ގެންނަން ހަމަޖެހިފައިވާނެ ކަމަށާއި އެ ނިޒާމް ގާއިމް ކުރާނީ ވެލާނާގޭ ސަރަހައްދުގައި ކަމަށެވެ.

"އަންނަ މަހު ޕާކިން ސިސްޓަމެއް ގެނައުމަށް ފަހު ދެން މެދު ނުކެނޑި އެ ސިސްޓަމްތައް ގެނައުމުގެ މަސައްކަތް ކުރިޔަށްދާނެ. އެގޮތުން މި ބަލަނީ އަންނަ އަހަރު މާޗު މަހުގެ ނިޔަލަށް ހުރިހާ ޕާކިން ސިސްޓަމްއެއް ގާއިމްކޮށް ނިމޭނެ ކަމަށް. އެ ސިސްޓަމްތައް ބަހައްޓާ ސަރަހައްދުތަކަށް ކޮންމެވެސް ވަރެއްގެ ލުއިއެއް އަންނާނެ ކަމަށް ގަބޫލު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން މާލޭގައި ގާއިމް ކުރަން ހަމަޖެހިފައި ވަނީ ސައިކަލު ޕާކު ކުރާ 10 ސިސްޓަމާއި ކާރު ޕާކު ކުރާ 10 ސިސްޓަމެވެ. އަދި އެ ބަހައްޓާ ސަރަހައްދުތައް މިހާރު ފާހަގަކޮށްފައިވާ ކަމަށާއި އެގޮތުން ބޭނުންވާ ފައުންޑޭޝަން މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގަވައިދުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއިން މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމް ކުރަން ނިންމާފައިވީ ނަމަވެސް މިހާރުވެސް އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވަގުތީ ޕާކިން ޒޯންތައް ގާއިމް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ ޕާކު ސަރަހައްދާއި ދިރާގު ބިލްޑިން ކައިރީގައިވެސް މިހާރު ވަނީ ޕާކިން ޒޯނެއް ގާއިމްކޮށްފައެވެ.