މިއަހަރުގެ ޒުވާނުންގެ ދުވަހުގެ އިނާމް 11 ދާއިރާއަކުން ދޭން ނިންމައި މުޅިން އާ ދެ ދާއިރާއަކުން ޒުވާނުންގެ އިނާމް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ނިންމައިފިއެވެ.
އަންނަ މަހު 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޒުވަނުންގެ ދުވަހުގެ ޖަލްސާގައި އަލަށް ހިމެނުނު ދެ ދާއިރާއަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާ އާއި ދުންފަތު އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ދާއިރާއެވެ.
ޒުވާނުންގެ އިނާމް ލިބޭ ކޮންމެ ފަރާތަކަށް 25000 ރުފިޔާ ދިނުމަށް ޔޫތު މިނިސްޓްރީން ވަނި ނިންމާފައެވެ.
ޒުވާނުންގެ ގައުމީ އިނާމު ދިނުމަށް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަހު މެންދުރު ފަހު އެކެއް ޖެހުމުގެ ކުރިންނެވެ. މާލޭގައި ޔޫތު މިނިސްޓރީންނޏާއި ޒުވާނުންގެ މަރުކަުންވެސް ފޯމް ހުށަހެޅޭނެ އިންތިޒާމް ވަނި ހަމަޖެހިފައެވެ. އަދި ރަށްރަށުން ކައުންސިލް އިދާރަތައް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ.
މިއަހަރުވެސް ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޒުވާނުންގެ އިނާމަށާއި ޝަހީދު ޖަވާދު އުމަރު އެވޯޑަށް ކުރިމަތިލެވޭނީ 18 އަހަރުން ފެށިގެން 36 އަހަރު ފުރިފައި ނުވާ މީހުންނަށް ކަމަށް ޔޫތު މިނިސްޓްރީގެ ޕާމެންޓް ސެކެޓްރީ މާހިދު ޝަރީފު ވިދާޅުވިއެވެ.
ޒުވާނުންގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް
1. ވިޔަފާރި އަދި އިޤްތިޞާދު
2. އާޓް އެންޑް ކަލްޗާ / އުފެއްދުންތެރިކަން
3. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
4. ކުށްމަދުކުރަން މަސައްކަތްކުރުން
5. ކުޅިވަރަށް ޚިދުމަތްކުރުން
6. ދަރުމަވެރިން
7. ވޮކޭޝަނަލް ޓްރެއިނިންގ – ދަސްކޮށްދިނުން
8. ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް މަސައްކަތްކުރުން
9. ދުޅަހެޔޮ އާއިލާ ބިނާކުރުން
10. ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުން
11. ޝަހީދު ޖަވާދު އުމަރު ހަނދާނީ ފިލާ