ރާއްޖެ ކުޅިވަރު

އަޑުއިވުމުގެ ދަތިކަން ހުންނަ ދިވެހިން ފުޓްބޯޅަ ޓީމެއް ހަދަނީ

Aug 15, 2017

އަޑު އިވުމުން މަހްރޫމުވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާ ޑެފް އެސޯސިއޭޝަނާ ގުޅިގެން، އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުންގެ ފުޓްބޯޅަ ޓީމެއް ރާއްޖޭގައި އެކުލަވާލުމުގެ މަސައްކަތް، ސްޕޯޓްސް ކޯޕަރޭޝަނުން ފަށައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަމުން، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަބްދު ރައްޒާގް ވިދާޅުވީ، އަޑު އިވުމުން މަހުރޫމް ވެފައިވާ މީހުންގެ ޓީމެއް އެކުލަވާލަނީ، ސަރުކާރުގެ ސިޔަސަތު ތެރޭގައި ހިމެނޭ، އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކުން ދުނިޔޭގެ އެކި ކުޅިވަރު މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ވެސް ހޯދާ ނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން އެހާ ބޮޑަށް ފެނިގެން ނުދޭ، އެހެންވެ އަޅުގަނޑުމެން އިސްނަގައިގެން މި ފެށީ ޑެފް މީހުންނަށް ހާއްސަ ޓީމެއް އެކުލަވާލުން، ޑެފް އެސޯސިއޭޝަނާއެކު މިހާރު ވަނީ އެއްބަސް ވުމަކަށް އާދެވިފަ." 'ލެޓްސް ޕްލޭ' ގެ ނަމުގައި ހިންގާ މި ޕްރޮގްރާމާ ބެހޭގޮތުން، ރައްޒާގް ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޕަބްލިކް ރިލޭޝަން އޮފިސާ، މުހައްމަދު އިޒެކިޔެލް ވިދާޅުވީ، އެ ޓީމު އެކުލަވާލައި، ރާއްޖޭގައި މެޗެއް ކުޅުމަށްފަހު، މެލޭޝިއާއަށް ގޮސް، އެ ގައުމުގެ އަޑު އިވުމުން މަހްރޫމްވެފައިވާ މީހުންގެ ޓީމާ ދެކޮޅަށް މެޗެއް ކުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސަރަހައްދުގެ ގައުމު ތަކުން، މެލޭޝިއާއަކީ ޑެފް މީހުންގެ ތެރޭގައި އެންމެ ރަނގަޅަށް ކުޅިވަރު ހަރަކާތް ހިންގާ އެއް ގައުމު އެހެންވެ އަޅުގނޑުމެން މި މަސައްކަތް ކުރަނީ އެ ގައުމުގެ ޓީމާ ދެކޮޅަށް މެޗެއް ކުޅެން." އިޒެކިޔެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ޓީމު އެކުލަވާލުމުގެ މަސައްކަތްތަކަށް ތައްޔާރު ވުމުގެ ގޮތުން، ސްޕޯޓްސް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދެ ދުވަހުގެ ސައިން ލެންގްއޭޖްގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ޓީމާއެކު، މަސައްކަތް ކުރާނެ ކޯޗުންނަށް ވެސް، ސައިން ލެންގްއޭޖް ޕްރޮގްރާމް ހިންގާނެ ކަމަށެވެ.

ދުނިޔޭގައި، އަޑު ނީވޭ މީހުންގެ ފުޓްބޯޅަ، މުބާރާތާއި ލޯފަން މީހުންގެ މުބާރާތް ވެސް ކުރިއަށް ގެންދެއެވެ. މިދިޔަ އަހަރު ބޭއްވި، ޑެފްމީހުންގެ ފިރިހެނުންގެ ވޯލްޑް ކަޕްގެ ޗެމްޕިއަނަނަކީ ތުރުކީ އެވެ. އަންހެނުންގެ ޗެމްޕިއަނަކީ އެމެރިކާ އެވެ.