ކުޅިވަރު

ބޮޑު މެޗުގައި ނިއު ބަލިކޮށް މާޒިޔާ އެއްވަނަ އަށް

Aug 12, 2017
1

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގެ ބޮޑު މެޗުގެ ގޮތުގައި މަޝްހޫރުވެފައިވާ، ނިއުރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުގައި ނިއު ގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، ލީގްގެ ތާވަލުގެ އެއް ވަނަ އަށް މާޒިޔާ ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، މާޒިޔާއިން މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފެށިގެން، އަށް ވަނަ މިނެޓްގައި، ބޮސްނިއާގެ ޑިފެންޑަރު މިހާންޖޮކޮވިޗް ބޮޖާން ވަނީ މާޒިޔާ އަށް ލީޑް ނަގައިދީފަ އެވެ.

ފުރަތަމަ ހާފުގައި، ނިއުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. މާޒިޔާގެ ގޯލް ތެރެއަށް ދެ ބޯޅައެއް ފޮނުވާވެސް ލިއެވެ. ނަމަވެސް އެ ދެފުރުސަތުގައި ވެސް، އެސިސްޓެންޓް ރެފްރީ ވަނީ ނިއުގެ ކުޅުންތެރިން އޮފްސައިޑް ވުމުން، އޮފްސައިޑް ދިދަ ނަގާފަ އެވެ. ދެ ވަނަ ހާފުގައި މާޒިޔާގެގޯލް ތެރެއަށް، އަލީ އަޝްފާގް (ދަގަނޑޭ) ބޯޅަ ފޮނުވާލި ނަމަވެސް، އެ ފަހަރުވެސް ވީ އޮފްސައިޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ވަނީ ރެފްރީގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށްފަ އެވެ.

"ރެފްރީގެ ބައެއް ނިންމުންތައް ރަނގަޅެއް ނޫން އަހަރެމެން ޖެހި ތިން ގޯލް ވެސް ނިންމީ އޮފްސައިޑް ކަމަށް، މާޒިޔާއިން ފުރަތަމަ ގޯލް ޖަހަން ތަނަސްވަވި ހިލޭ ޖެހުމަކީވެސް ހިލޭ ޖެހުމަށް ފުރުސަތު ދޭން ޖެހޭ ވަރު ކަމެއް ނޫން،" ސްޕެއިންގެ ކޯޗް ބުންޏެވެ. "އަހަރެން ޝަކުވާ ކުރަނީކީ ނޫން، އަހަރެމެން ރަސްމީކޮށް މި ޝަކުވާތައް ލިޔުމުން މެޗު ކޮމިޝަނަރަށް ހުށަހަޅައިފިން، މެޗު ދިޔައީ މުޅި ރަނގަޅަކަށް ނޫން ކޮންމެ ގޮތަކަށް މެޗު ދިޔަނަމަވެސް ބަލިވުމުން އަހަރެން ކޮންމެވެސް ވަރަކަށް މާޔޫސް ވެއްޖެ."

މެޗުގެ ކުރިން، މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ ބުނީ، ނިއު އާ ދެކޮޅަށް ކުޅޭއިރު، އަޝްފާގް އަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށާއި އޭނާ ހުއްޓުވާނީ މުޅި ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ. ފުރަތަމަ ހާފުގައި އަޝްފާގަށް ވެސް ވަނީ މާޒިޔާގެ ހާފުގެ ތެރެއިން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. ދަގަނޑޭ އެ ބޯޅަ ފޮނުވާލުމުގެ ކުރިން، އެންޑީ ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

ފުރަތަމަ ހާފުގެ 41 ވަނަ މިނެޓްގައި، މާޒިޔާގެ ދެ ވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ.

ދެ ވަނަ ހާފަުގައި، އިބްރާހިމް ފަޒީލް (އޮއްޕޮ) ކުޅުން ނިކުތުމުން ނިއުގެ ހަމަލާތައް ވަރުގަދަ ވެގެން ދިޔަ އެވެ. ނަތީޖާ އަކަށްވީ ދެ ވަނަ ހާފުގައި، މާޒިޔާއި ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅެން ޖެހުމެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު، ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕް) ތަނަވަސް ކޮށްދިން ފުރުސަތެއްގައި، އޮއްޕޮ އަށް ލިބުނު ބޯލަ ދިފާއުކުރަން ނިކުތް، މާޒިޔާގެ ކީޕަރު މަހްމޫދު އަލް ޔޫސުފްގެ މޫނު މަތީގައި، އޮއްޕޮ ވަނީ ބޯޅަ ބޭރަށް ދިޔަ ފަހުން ފައިން ޖަހާފަ އެވެ. ބޯޅަ ނެތިސް ކުޅުންތެރިޔެއްގެ ގައިގައި ޖެހުމަކީ ސީދާ ރަތް ކާޑެކެވެ. ނަމަވެސް އެތަނުގައި، އޮއްޕޮ އަށް އެއްވެސް ކާޑެއް ދައްކާފަ އެއް ނުވެ އެވެ.

އޭގެ ފަހުން ނިއުގެ އެޑްރިއަން ގަލާޑޯ އަށް ލިބުނު ބޯޅަ އޭނާ މަސައްކަތް ކުރީ، މާޒިޔާގެ ކީޕަރު މަހްމޫދު ބޯމަތިން، ގޯލް ތެރެއަށް ފޮނުވާލާށެވެ. ނަމަވެސް އެ ބޯޅަ މަހްމޫދު އަތުން ޖަހައި ދިފާއު ކުރުމުން ރީބައުންސަށް ނިކުތުމުން މާޒިޔާގެ ޑިފެންޑަރު އެ ބޯޅަ ކުރިއަށް ސާފް ކޮށްލީ އެވެ.

ނިއުގެ ކޯޗް އޮސްކާ ބުރުޒޮން، ބުނީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން، ކުޅުމާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މާޒިޔާގެ ހިލޭ ޖެހުންތަކަށް، ކުޅުންތެރިންނަށް ރަނގަޅަށް ތައްޔާރު ނުވެވި ތިބި ކަންވެސް ބުރުޒޮން ފާހަގަ ކުރި އެވެ.

މާޒިޔާގެ ކޯޗް ސެކްލޮސްކީ ބުނީ، ވަރުގަދަ ނިއުރޭޑީއަންޓް ބަލި ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވާ މަސައްކަތް މެޗުގައި ފެނިގެން ދިޔަ ކަމަށެވެ.