ކުޅިވަރު

ކަޅޭގެ ހެޓްރިކާއެކު ޓީސީ ރޭހުގެ ތެރެއަށް

Aug 13, 2017

ދ. ކުޑަހުވަދޫގެ މައްޗަށް 6-1ގެ ތަފާތު ބޮޑު މޮޅެއް ހޯދައި ޓީސީ ސްޕޯޓްސް، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މެޗަށް، ނިކުތް އިރު، ތާވަލުގެ ފުލުން، ދެ ވަނަ އިގައި އޮތް ޓީސީ އަށް މެޗުން މޮޅުވުމުން، މިއީ އެ ޓީމަށް ލިބުނު ފުރަތަމަ ތިން ޕޮއިންޓެވެ. ޓީސީގެ އިތުރުން، ނިއުރޭޑިއަންޓާއި، ތިނަދޫއަށްވެސް ވަނީ، ތިން ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ޓީސީ އަށް ތާވަލުގެ ތިން ވަނަ ލިބެނީ، ފައިދާ ގޯލުން ކުރީގައި އޮތުމުން ނެވެ. އެ ޓީމަށް ފައިދާ ހަތަރު ގޯލް އެބައޮތެވެ.

ހަތަރު ވަނައިގައި، އޮތީ، ތިނަދޫ އެވެ. އެ ޓީމަށް ފައިދާ ގޯލެއް އަދި ގެއްލުން ގޯލެއްވެސް ނެތެވެ. ފަސް ވަނައިގައި އޮތީ ވަރުގަދަ ކޮށް އޮތް ނިއު އެވެ. އެޓީމަށް ފަސް ވަނަ ލިބެނީ މައިނަސް ގޯލެއް އޮތުމުން ނެވެ.

މިރޭގެ މެޗުގައި ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) ވަނީ ހެޓްރިކް ހަދާފަ އެވެ. ޓީސީން ހަ ލަނޑު ހަމަ ކުރީ، ކޮންމެ ހާފެއްގައި ތިން ލަނޑު ޖަހައިގެން ނެވެ.

މެޗު ފެށިގެން 13 ވަނަ މިނެޓްގައި، ޓީސީއަށް، ކުޑަހުވަދޫގެ ގޯލް ހުޅުވައިދިނީ، ނާއިޒު ހަސަން (ދާދު) އެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ވަނީ، މެޗުގައި ދާދުގެ ލަނޑެއް ފެނިގެން ދިއުމުން އެކަމާ ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާމް ބުނީ، ދާދުގެ ލަނޑެއް ފެނިގެން ދިއުމަކީ، އޭނާ އަލުން ކުރީގެ ފޯމަށް އެޅެމުން އަންނަކަން ހާމަ ކޮށްދޭ ކަމެއް ކަމަށެވެ.

ދާދު ލަނޑު ޖެހިތާ، ހަތަރު މިނެޓް ފަހުން، ޓީސީގެ ބިދޭސީ ސްޓައިކާ ސްޓެވާޓް ކޯނޭލިއަސް ވަނީ ދެ ވަނަ ލަނޑު ޖާހަފަ އެވެ. ތިން ވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ކާމިޔާބު ކުރީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

ދެ ވަނަ ހާފު ވެގެންދިޔައީ އަލީ ނާފިއުގެ ޑޮމިނޭޓް ކުރި ހާފަކަށެވެ. ޓީސީން ދެ ވަނަ ހާފުގައި ޖެހި ތިން ލަނޑުވެސް ކާމިޔާބު ކުރީ، އޭނާ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި އޭނާ ވަނީ ޓީސީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އޭގެ ދިހަ މިނެޓްފަހުން، ފެނިގެން ދިޔައީ ކުޑަހުވަދޫގެ ލަނޑެވެ. އެ ލަނޑު ކާމިޔާބު ކުރީ، މިނިވަން ޗެމްޕިއަންޝިޕްގައި އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި، އާދަމް ޝަހީމް އެވެ.

ކުޑަހުވަދޫއިން ލަނޑު ޖެހިތާ ދެ މިނެޓް ފަހުން، ނާފިއު ވަނީ، ކުޑަހުވަދޫ ކޮޅަށް ލަނޑު ޖަހައި ޓީސީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށް، ނަތީޖާގެ ފަރަގު ހަތަރު ލަނޑަށް ފުޅާ ކޮށްފަ އެވެ. އޭނާ ހެޓްރިކް ހެދީ 73 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުން ނެވެ.

ނިޒާމް ބުނީ، ނާފިއުގެ ހެޓްރިކާއެކު، ކުރިއަށް ކުޅެމުންގެންދާ ހުރިހާ ކުޅުންތެރިންގެ ފަރާތުން ގޯލްތަކެއް ފެނިގެން ދިއުމަކީ ކުރިއަށް ކުޅެމުންދާ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅު ވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، އަތޮޅުތެރޭގެ ޓީމު ތަކާ ދެކޮޅަށް ކުޅޭ ތިން މެޗުން، މާލޭގެ ޓީމަކާ ދެކޮޅަށް ޓީސީގެ ކޮމްބިނޭޝަން އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށެވެ.