ކުޅިވަރު

ކުޅިވަރު އެސޯސިއޭޝަންތައް ކޮމިޝަންގައި ރަޖިސްޓަރީކުރުން މިހަފުތާ

Aug 15, 2017

ކުޅިވަރު އެސޯސިއޭޝަންތައް، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލެނިވެރި ކަމުގެ ދަށަށް ގެނައުމުގެ ގޮތުން، އެސޯސިއޭޝަންތައް ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓަރީ ކުރަން، މި ހަފުތާގައި ހުޅުވާލާނެ ކަމަށް، ކޮމިޝަނާ އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މަޖިލިހުން ފާސްކޮށް، ރައިސްލުޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި ކުޅިވަރު ގާނުނުގެ ދަށުން، ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބުތައް، އެ ގާނުނޫން ބާރު ލިބިގެން އުފައްދާފައިވާ ސްޕޯޓްސް ކޮމިޝަންގެ ދަށަށް ގެނެސް، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބުތަކުގެ ދަފުތަރު، ކޮމިޝަންއިން ބަލަހައްޓަން ޖެހެ އެވެ.

ޑޭވް ވިދާޅުވީ، އެސޯސިއޭޝަންތައް، ސްޕޯޓްސް ކޮމިޝަނާގެ ދަށަށް ގެނައުމަށާއި ރަޖިސްޓްރީ ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ، ކުޅިވަރު އެސޯސިއޭޝަންތައް ރަޖިސްޓްރީކޮށް އެންޑޯޒް ދިނުމުގެ ހުރިހަ ކަމެއް ނިމިފައި، މިހަފުތާގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަނާން،" ޑޭވް ވިދާޅުވި އެވެ.

ދެން އޮތީ އެހެން ސުވާލެކެވެ. މިހާރުވެސް، ވަކި ކުޅިވަރުތަކަށް އެސޯސިއޭޝަނަތަކެއް ހަރަކާތްތެރި ވަމުންދާއިރު، އެ ކުޅިވަރަކަށް ހާއްސަ އެސޯސިއޭޝަނެއް ރަޖިސްޓްރީ ކުރުމަށް އެހެން ބަޔަކު ހުށަޙަޅައިފިނަމަ ދެން، މިހާރު ހަރަކާތްތެރިވާ އެސޯސިއޭޝަންތަކަށް ވެގެންދާނީ ކިހިނެއް ހެއްޔެވެ. އެ އެސޯސިއޭޝަންތަކުން ފަށާފައިވާ މަސައްކަތް ހުއްޓާލުމަށްފަހު، ރަޖިސްޓަރީ ވެގެން އަންނަ އެހެން ބަޔަކާ ހަވާލު ކުރަން ނުޖެހޭނެ ބާއެވެ.

މިހާރު ހުރި، ކުޅިވަރު އެސޯސިއޭޝަތަކަށް އެހެން ވުމުގެ ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ޑޭވް ދެއްވަ އެވެ. އޭނާ ވިދާޅުވީ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމުގައި، މިހާރުވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި އޮތް، އެސޯސިއޭޝަންތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

"މިސާލަކަށް އެހެން ފަރާތަކުން ހުށަހަޅާފާނެ، ފުޓްބޯޅަ އެސޯސިއޭޝަނެއް، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން، ނަމަވެސް އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގޮތުގައި ރަޖިސްޓާރީ ކުރަން ފުރުސަތު ދޭނީ މިހާރުވެސް ހަރަކާތްތެރި ވަމުންދާ އަދި ސަރުކާރުން ބަޖެޓް ދޭ ކުޅިވަރު އެސޯސިއޭޝަންތަކަށް." ކުރިން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނަ ވިދާޅުވި އެވެ.

ޑޭވް ވިދާޅުވީ، އެސޯސިއޭޝަންތައް ޒިންމާދާރު ކަމާއެކު ހިންގަން ބާރު އެޅުމުގެ އިތުރަށް އެސޯސިއޭޝަންތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްވެސް އޭނާ އިސްކަން ދެއްވާނެ ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތައްވެސް، ރަޖިސްޓްރީކޮށް، މިހާރު ބަލަހައްޓަނީ، ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކާ ބެހޭ ޑިޕާޓްމެންޓުން ނެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކާ މެދު އެ މިނިސްޓްރީން ވެސް ކަންކަން ގެންދަނީ، އެހެނިހެން އާންމު، މަދަނީ ޖަމްއިއްޔާތަކާ އެއްގޮތަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކުން އަމަލު ކުރަން ޖެހޭނީވެސް، ޖަމްއިއްޔާތަކާ ބެހޭ ގާނޫނާއި ގަވައިދާ އެއްގޮތަށެވެ.

އެހެންވެ، އެ އުސޫލުގެ މަތިން ކުޅިވަރު އެސޯސިއޭޝަންތަކާ މެދު އަމަލު ކުރުމުން، ކުޅިވަރު އެސޯސިއޭޝަންތަކަށް ގިނަ ދަތިތަކެއް ކުރިމަތިވި އެވެ. އެގޮތުން 2015 ވަނަ އަހަރު އެފްއޭއެމްގެ އަސާސީ ގަވާއިދަށް، ފީފާގެ އަސާސީ ގަވައިދާ އެއްގޮތަށް ބަދަލު ގެނައި ނަމަވެސް، ހޯމް މިނިސްޓްރީގެ ޖަމްއްޔާތަކާބެހޭ ގާނޫނުގައި ހިމެނޭ ގޮތަށް ނެތުމުން، ހޯމް މިނިސްޓްރީން އެފްއޭއެމްގެ އަސާސީ ގަވާއިދު ރަޖިސްޓްރީކޮށް ދީފައިވެސް ނުވެ އެވެ. ފަހުން އެފްއޭއެމްއަށް ޖެހުނީ، އާ އަލުން ކޮންގްރެސް ބާއްވައި، ހޯމް މިނިސްޓްރީން ބޭނުންވި ބަދަލުތައް ގެންނާށެވެ.

"ހޯމް މިނިސްޓްރީގެ ތެރެއިން އެކަން އޮތުމުން ގިނަ ފަހަރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވޭ، ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކާ ބެހޭ ރަޖިސްޓާއަކަށް ހުންނަވާނީކީ ކުޅިވަރު އެޑްމިނިސްޓްރޭޝަންގެ ބޭފުޅަކަށް ނުވުމުން، ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިމަތިވާނެ ދަތިތަކެއް އެތާ ހުންނަވާ ބޭފުޅަކަށް އެނގިވަޑައި ނުގެންފާނެ ނަމަވެސް ކުޅިވަރު އެސޯސިއޭޝަންތައް ވަކިކޮށް، އެކަމަށް ވަކި މުއައްސަސާއެއް އުފެއްދުމަކީ ކުޅިވަރު އެޑްމިނިސްޓްޝަން ލެވަލުގައި ވެސް ކުރިއަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް." ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެކްސްކޯގައި ހިމެނިވަޑައިގަންވާ ބޭފުޅަކު ވިދާޅުވި އެވެ.