ސްޕެނިޝް ސްޕަ ކަޕްގައި، ބާސެލޯނާއާ ދެކޮޅަށް، ކުޅުނު މެޗުގައި، ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ، މެޗުގެ ރެފްރީ، ރިކާޑޯ ޑި ބުރުގޯސް ބުރަކަށީގައި ޖަހައި ކޮށްޕާލުމުން، ރޮނާލްޑޯ، ފަސް މެޗަށް ސަސްޕެންޑް ކޮށް، ޖޫރިމަނާ ކޮށްފި އެވެ.
ބާސާއާ ދެކޮޅަށް 3-1 ން ރެއާލް މޮޅުވި މެޗުގެ، 82 ވަނަ މިނެޓްގައި ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ސެމިއުލް އުމިޓީ، ރޮނާލްޑޯ އަތުން ބޯޅަ ހޯދަން އުޅޭ، ޕެނަލްޓީ އޭރިއާ ތެރެއަށް ރޮނާލްޑޯ ވެއްޓުމުން، ރެފްރީ ވަނީ، ރޮނާލްޑޯ އަމިއްލައަށް ޑައިވް ކުރި ކަމަށް ބަަލައި، ދެ ވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑު ދައްކާފަ އެވެ.
ރަތް ކާޑު ދެއްކުމުން، އެކަމާ ހިތްހަމަ ނުޖެހި، ރޮނާލްޑޯ ވަނީ ރެފްރީގެ ފަހަތުން، ބުރަކަށީގައި ޖަހައި ކޮށްޕާލާފަ އެވެ. ރޮނާލްޑޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ، ރެއާލް އަށް ލީޑް ނަގައިދިން ލަނޑު ޖެހުމަށްފަހު، އުފާ ފާޅު ކުރުމުގެ ގޮތުން ޖޯޒީ ބޭލުމުން ނެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ މުބާރާތުގެ، ފަނޑިޔާރުންގެ ކޮމިޓީން ވަނީ، ރެފްރީގެ ގައިގައި ކޮށްޕާ ލުމުން ރޮނާލްޑޯ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ނިންމާފަ އެވެ. އަދި ފަސް ވަނަ މެޗަކީ އޭނާ އަށް ރަތް ކާޑު ދެއްކުމުން، އައި އެއް މެޗުގެ ސަސްޕެންޝަނެވެ.
ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ގަވައިދުގެ 96 ވަނަ މާއްދާގައި ބުނެފައި ވަނީ، މެޗުގެ އޮފިޝަލުން ގައިގައި ޖެހި އެއްވެސް ގޮތަކަށް ކޮށްޕާލައިފިނަމަ، ހަތަރު މެޗާއި 12 މެޗާ ދެމެދުގެ މެޗުތަކުގެ އަދަދަކަށް ސަންޕެންޝަނެއް އަންނާނެ ކަމަށެވެ.
އަދި ރޮނާލްޑޯގެ އެ އަމަލާ ގުޅިގެން، އޭނާ 3805 ޔޫރޯ އިން ޖޫރިމަނާ ކުރުމަށާއި އަދި ރެއާލް މެޑްރިޑް 1750 ޔޫރޯއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.
ރޮނާލްޑޯއާ ދެކޮޅަށް، އެޅި މި ފިޔަވަޅާ ގުޅިގެން، ސްޕެނިޝް ސްޕަ ކަޕްގެ ދެ ވަނަ ލެގް މެޗުގެ އިތުރަށް، ސްޕެނިޝް ލީގްގައި ޑިޕޯޓިވޯ ލަކަރޫނިއާ މެޗާއި، ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗާއި، ލެވަންޓޭ އަދި ރެއާލް ސޮސިއަދާދުއާ ދެކޮޅަށް، ރޮނާލްޑޯ އަށް ނުކުޅެވޭނެ އެވެ.
ރޮނާލްޑޯ އާއި ރެއާލްއާ ދެކޮޅަށް އެޅި، މިފިޔަވަޅު އިސްތިއުނާފް ކުރުމުގެ ފުރުސަތު ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ރެއާލް އަށް އެބައޮތެވެ.