މަޖީދިމަގުގެ އަލު މަރާމާތު ކުރުމުގެ މަސައްކަތަށް މަގުގެ ބައެއް ކޮންނަމުން ދަނިކޮށް އެތަނުގައި ވަޅުލާފައި އޮތް ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސްފި އެވެ.
ފަޅައިގެން ގޮސްފައިވަނީ ކަނޑަށް ނަޖިސް ބޭރުކުރާ މައި ހޮޅިއަކަށް ވާތީ ހޮޅި ފަޅައިގެން ގޮސް ނަޖިސް ބޭރުވުމުގެ ސަބަބުން އޭގެ ނުބައި ވަސް މުޅި އެ ސަރަހައްދަށް ވަނީ ފެތުރިފަ އެވެ. އެ ނަޖިސް ހޮޅި ފަޅައިގެން ދިޔައީ އެސްކަވޭޓަރުން މަގު ކޮންނަމުން ދަނިކޮށެވެ. އެ ހޮޅި ފަޅައިގެން ގޮސްފައިވަނީ މިއަދު މެންދުރު ހާއިރު އެވެ.
އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އަށް ގުޅުމުން އެ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ފަޅައިގެން ދިޔަ އެ ހޮޅި ބެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނަޖިސް ހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން އެ ސަރަހައްދުން ގިނަ ބަޔަަކަށް ވަނީ މިއަދު ދައްޗާ ކުރިމަތިވެފައެވެ.