ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ވިކްޓްރީ ސްޕޯޓްސް ކުލަބާ ނިއުރޭޑިއަންޓް ކުޅުނު މެޗް 3-3 ގެ ނަތީޖާ އިން އެއްވަރުވެ ސެމީގެ ފަހު ޖާގަ ވެލެންސިއާ އަށް ލިބިއްޖެ އެވެ.
މިއަދު ވިކްޓްރީ އާ ނިއު ބައްދަލު ކުރި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ސެމީގެ ޖާގަ ލިބެނީ އެޓީމަކަށެވެ.
ނަމަވެސް މެޗް އެއްވަރުވެ ވެލްސިއާ ވިކްޓްރީ ޕޮއިންޓް ހަމަހަމަ ވެފައިވާއިރު، ވެލެންސިއާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އެ ދެޓީމަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވިރު ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖެހީ ވިކްޓްރީންނެވެ. އެޓީމުގެ ލަނޑު 35 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަޖުދާން ސޯލިހެވެ.
ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސާމިރެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިކްޓްރީން އަލުން ލީޑް ނަގާފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިޝްވާންއެވެ.
މެޗްގެ 50 ވަނަ މިނެޓްގައި މަޖުދާންގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް އޭނާ ވިކްޓްރީއަށް ނަތީޖާގެ ފަރަގު ބޮޑު ކޮށްދިނެވެ. އޭގެ އެއް މިނެޓް ފަހުން ނިއު އަށް ނަތީޖާގެ ފަރަގު ކުޑަކޮށް ދިނީ މުހައްމަދު ޝުހައިލް އެވެ.
އެ ނަތީޖާއިން ވިކްޓްރީ މޮޅުވެދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗްގެ އެންމެ ފަހު މިނެޓްގައި ނިއުގެ އަހްމަދު ފިރާޝްް ވަނީ ލަނޑު ޖަހައި މެޗް ނަތީޖާ 3-3 ށް ބަދަލު ކޮށްލާފައެވެ.
ސެމީ ފައިނަލްގެ ފުރަތަމަ ދެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ހަވީރު ކުޅޭ ފުރަތަމަ ސެމީފައިނަލް މެޗްގައި ބައްދަލު ކުރާނީ އެއް ވަނައިގައި އޮތް ޓީސީ އާއި ދެ ވަނައިގައި އީގަލްސްއެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ޖާގަ ލިބޭއިރު ބަލިވާ ޓީމު ޖެހޭނީ ތިން ވަނަ ސެމީފައިނަލް މެޗްގައި ކުޅޭށެވެ.
ތިންވަނަ ސެމީފައިނަލް މެޗްގައި އަނެއް ކޮޅުން ބައްދަލު ކުރާނީ ދެވަނަ ސެމީފައިނަލުގައި ކުޅޭ މާޒިޔާ އާއި ވެލެންސިއާގެ ތެރެއިން މޮޅުވާ ޓީމެކެވެ. ފައިނަލްގެ ފަހު ޖާގަ ކަށަވަރުވެގެންދާނީ ތިން ވަނަ ސެމީ ފައިނަލް މެޗުންނެވެ. ސެމީ ފައިނަލް މެޗްތަކާއި ފައިނަލް މެޗްތައްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުތްބޯލަ ދަނޑުގައެވެ.