ވިޔަފާރި

ބޭންކުތަކަށް ޖަމާކުރި ފައިސާ 10 ޕަސެންޓް އިތުރުވެއްޖެ

Oct 12, 2016
  • ޖަމާކުރި ފައިސާގެ އަދަދު 31 ބިލިއަނަށް
  • އަމިއްލަ ފަރާތްތަކަށް 17.7 ބިލިއަން ރުފިޔާގެ ލޯނު
  • ދޫކުރި ލޯނުގެ އަދަދު ވަނީ ބޮޑުތަން އިތުރު

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ބޭންކު ތަކަށް ޖަމާކުރި ފައިސާގެ އަދަދު 10 ޕަސެންޓް މަތިވެ، ބޭންކުތަކުން އަމިއްލަ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 20 ޕަސެންޓް އިތުރުވެފައިވާ ވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކުގައި ރައްކާ ކުރަން ޖަމާކޮށްފައިހުރި ފައިސާގެ އަދަދު 31.6 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.

ކޮމާޝަލް ބޭންކު ތަކުން މި ކްއާޓަރުގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރި ލޯނުގެ އަދަދު ވެސް ވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ. އަދި ލޯނުގެ އަދަދު ވަނީ 17.7 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިގޮތުން ޕްރައިވެޓް ސެކްޓާ ލޯނުގެ ބޮޑު ބައެއް ދޫކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އަށެވެ.

ބޭންކު ތަކަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނިއިރު، 10 އަހަރަށްފަހު ދާދި ފަހުން ރާއްޖޭގައި ވަނީ އިތުރު ބޭންކެއް ވެސް ހުޅުވާފަ އެވެ. ސްރީލަންކާގެ ބޭންކަކާ ގުޅިގެން ހުޅުވި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަކީ ރާއްޖޭގައި ހުޅުވި ހަތް ވަނަ ބޭންކް އެވެ.