ވިޔަފާރި

އެމްއެމްއޭގައި ވަކިލާރި ނެގޭ މެޝިން ބަހައްޓައިފި

ވަކިލާރި ނެގޭ "ވެންޑިން" މެޝިނެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި މިއަދު ބަހައްޓައިފި އެވެ.

ފަސް ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން ފެށުމަށް އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އޮފިޝަލަކު ވިދާޅުވީ މި މެޝިން ބެހެއްޓުމުގެ މަގުސަދަކީ ވަކިލާރި ހޯދަން އަންނަ މީހުންނަށް ފަސޭހަކަމާއެކު ލާރި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

"މިހާރު ކިއޫގައި މަޑުކޮށްގެން ވަކިލާރި ހޯދަން ޖެހެނީ. ނަމަވެސް މި މެޝިން ބެހެއްޓުމުން އެމްއެމްއޭއަށް ރުފިޔާ ހިފައިގެން އައިސް ފަސޭހަކަމާއެކު ވަކިލާރި ހޯދުމުގެ ފުރުސަތު ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްއޭގައި ދެ "ކޮއިން ވެންޑިން މެޝިން" ބަހައްޓާފައިވެ އެވެ. މީގެތެރޭގައި މެނުއަލީ ބޭނުންކުރެވޭ މެޝިނަކާއި އޮޓަމެޓުން ބޭނުންކުރެވޭ މެޝިނެއްވެސް ހިމެނެ އެވެ. މި މެޝިން ބެހެއްޓުމުން ވަކިލާރި ގަންނަން ދާ މީހުން އެކަމަށް ހާއްސަ ކޮތަޅެއް މެޝިންގައި ހަރު ކުރުމުން ވަގުތުން ވަކިލާރި ލިބޭނެ އެވެ.

"ވަކިލާރި މެޝިން" ބެހެއްޓުމާއެކު ވަކިލާރި ދޫކުރާ ވަގުތުވެސް އެމްއެމްއޭއިން ވަނީ އިތުރުކޮށްފަ އެވެ. ކުރިން ހެނދުނު 8:30 އިން 11:00 އަށް ދޫކުރިނަމަވެސް މެޝިން ބެހެއްޓުމުން ހެނދުނު 8:30 އިން މެންދުރު ފަހު 2:30 އާ ހަމައަށް ވަކިލާރި ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.