ވިޔަފާރި

ރިޒާވް ހަމަޖައްސަން އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރު ދައްކައިފި

ޑޮލަރުގެ ރިޒާވް ހަމަޖައްސަން، ރިޒާވް ބޭންކް އޮފް އިންޑިޔާ އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއޭމްއޭ) ނެގި 100 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފި އެވެ.

އެމްއެމްއޭ އިން ނެރޭ "އިގްތިސާދީ ރިވިއުގައި" ވާ ގޮތުގައި ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު ގާއިމްކޮށްފައިވާ "ކަރަންސީ ސްވޮޕް ފެސިލީ" އަނބުރާ ދައްކާފައިވާ ކަމަށެވެ.

ތިން ޕަސެންޓުގެ އިންޓަރެސްޓު ރޭޓުގައި 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހަދާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މި ކަރެންސީ ސްވޮޕް ހަދާފައިވަނީ ތިން މަސް ދުވަހުން އަނބުރާ ދައްކާ ގޮތަށެވެ.

ކަރަންސީ ސްވޮޕްއަކީ، ސްވޮޕް ކުރާ ފައިސާއާ އެއް ވަރެއްގެ މިން ވަރަކަށް އެ ގައުމެއްގެ ފައިސާގެ ގެރެންޓީއެއް ވަކި މުއްދަތެއްގައި ދިނުމެވެ. މިގޮތުން އެމްއެމްއޭ އިން ރިޒާވް ބޭންކް އޮފް އިންޑިޔާއާއެކު 100 މިލިއަން ޑޮލަރުގެ ސްވޮޕެއް ހެދީ 1.5 ބިލިއަން ދިވެހި ރުފިޔާގެ ގެރެންޓީއެއް ދީފަ އެވެ.

ކަރަންސީ ސްވޮޕް ހެދުމުގެ މައިގަނޑު ސަބަބަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިންޑިޔާގެ ޖީއެއްއާރަށް ދައްކަން ކޮޕަރޭޓް ބޮންޑެއް ހަމަޖައްސައި ދިނުމެވެ.

އެއާޕޯޓުގެ އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ. މި ފައިސާގެ ތެރެ އިން 140 މިލިއަން ޑޮލަރު ދެއްކީ އެމްއެމްއޭ އިން ދޫކުރި ކޯޕަރޭޓް ބޮންޑަކުންނެވެ.