ބިދޭސީން

2020: ބިދޭސީން ރެމިޓެކްސް ކުންފުނިތައް މެދުވެރިކޮށް 1.4 ބިލިއަން ރުފިޔާ ބޭރުކުރި!

Feb 26, 2021
9

މިދިޔަ އަހަރު ބިދޭސީން ރެމިޓެކްސް ކުންފުނިތައް މެދުވެރިކޮށް، 93 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) ރާއްޖޭން ބޭރު ކޮފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ "ކްއާޓަލީ އިކޮނޮމިކް ބްލެޓިން" ގައިވާ ގޮތުން ކޮވިޑް-19 އިގެ ލޮކްޑައުންގެ ސަބަބުން ރެމިޓެންސް ކުންފުނިތަކުގެ ވިޔަފާރި މިދިޔަ އަހަރުގެ ތިންވަނަ ކްއާޓަރާ ބަލާއިރު ހަތަރު ވަނަ ކުއާޓަރުގައި ވަނީ ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގައި 15.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ) ވަނީ ރެމިޓެންސް ކުންފުނިތަކުން ރާއްޖޭން ބޭރު ކޮށްފަ އެވެ. މިއީ ތިންވަނަ ކްއާޓަރާ އަޅާ ބަލާއިރު 43 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މުޅި އަހަރު އެއްކޮށް ބަލާނަމަ ރާއްޖޭން ރެމިޓެންސްގެ ގޮތުގައި ބޭރު ކުރި ފައިސާގެ އަދަދު ވަނީ 24.7 ޕަސެންޓް އިތުރުވެ، 2019 ވަނަ އަހަރާ އަޅާބަލާއިރު 17.7 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 272 މިލިއަން ރުފިޔާ) މަތިވެފަ އެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ބޮޑު ބައެއް ދަނީ ބަންގްލަދޭޝަން އަށެވެ. ރާއްޖޭން ރެމިޓެންސްގެ ގޮތުގައި ބޭރުކުރާ ފައިސާގެ 44 ޕަސެންޓް ބޭރު ކުރަނީ ބަންގްލަދޭޝް އަށެވެ. އަދި ބޭރަށް ފޮނުވާ ފައިސާގެ 19 ޕަސެންޓް ބޭރުކުރީ އިންޑިއާ އަށެވެ.

ބިދޭސީން ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް 1.4 ބިލިއަން ރުފިޔާ ބޭރުކުރިއިރު، ރާއްޖޭން ބޭރަށްދާ ބިދޭސީން ފުރާއިރު ވެސް ގިނަ އަދަދެއްގެ ފައިސާ ގެންދެ އެވެ. އެހެންވެ، މި އަދަދު މިއަށްވުރެ އެތައް ގުނައެއް މަތިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައި ވެ އެވެ. ރާއްޖޭގެ ޖުމްލަ އާބާދީ ފަސް ލައްކަ އަށް އަރާފައިވާއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ދެ ލައްކަ އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. މީގެތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އާބާދީ ވަރަށް މައްޗެވެ. އަދި އެ އާބާދީއަކީ ވަރަށް ޒުވާން އާބާދީއެކެވެ.