ޕީޕީއެމްގެ އެތެރޭގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރަން، އެންމެ ފުރަތަމަ އިސްކަދެނީ ވެސް އަދި ބަލާނީ ވެސް މަޝްވަރާ ކުރުމަށް ކަމަށާއި މަޝްވަރާއިން ހައްލު ނުވެއްޖެ ނަމަ އެހެން ގޮތްގޮތުން ވެސް ޕާޓީގެ މައްސަލަ ހައްލުކޮށް ޕީޕީއެމް އަކީ ހަރަކާތްތެރި ޕާޓީއަކަށް ހަދާނެ ކަމަށް ޕީޕީއެމްޖެ ޕީޖީ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ނިހާން މިއަދު "އަވަސް" އަށް ވިދާޅުވީ ޕީޕިއެމްގެ ޕީޖީ ގްރޫޕްގެ ވިސްނުން ހުރީ މަޝްވަރާ އިސްކުރަން ކަމަށެވެ. އަދި ޑިމޮކްރަސީއެއްގައި މަޝްވަރާކޮށްގެން ހައްލު ނުވާނެ ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ދެކެވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ރައީސް މައުމޫނަށް އެރުވި ދައުވަތު ގަބޫލުފުޅޫ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެ ދައުވަތު ރައީސް މައުމޫން ގަބޫލުފުޅު ނުކުރައްވާ ނަމަ، މަޝްވަރާ ކުރައްވަން ބޭނުންފުޅު ނުވަނީ ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށެވެ.
މައުމޫނަށް ދެއްވި ދައުވަތާ މެދު އަމަލު ކުރައްވާނެ ގޮތެއް މި މަހުގެ 16 ދުވަހުގެ ކުރިން އަންގަވައި ދެއްވުމަށް އެދިފައިވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްވަރާއިން ކަންކަން ހައްލު ނުވާ ނަމަ، ޕާޓީގެ ތެރޭގައި އޮތް ހަމަނުޖެހުން ހައްލު ކުރުމަށް އެހެން ގޮތްގޮތުން މަސައްކަތް ކުރުމަށް ވެސް މިއަދު ވާހަކަ ދެކެވުނު ކަމަށާއި އެހެން ނަމަވެސް އެއީ އަދި މިވަގުތަށް އަމަލު ކުރަން ޖެހޭނެ ގޮތްތަކަކަށް ނުވާތީ އެ ކަންކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއްވި އެވެ.
"މަޝްވަރާއިން ހައްލު ނުވާ ނަމަ ދެން އެހެން ގޮތްގޮތުން ވެސް ކަންކަން ކުރެވިދާނެ ގޮތާ މެދު ހިޔާލުފާޅު ކުރެވުނު. އެހެން ނަމަވެސް މަޝްވަރާ އިސް ކުރާނީ. އެކަންކަން އެއީ މަޝްވަރާއިން އަލިމަގެއް ނުފެންނަ ނަމަ ކުރަން ހުރި ކަންކަން،" ނިހާން ވިދާޅުވި އެވެ.