ރައްޔިތުން މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ ގެއްލިގެން ދިޔަ ނަމަވެސް ރައްޔިތުން ހޮވި ގޮތާ ހިލާފުވެ ވަޑައިގަންނަވަން ބޭނުންފުޅު ނޫން ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އިދިކޮޅާ ގުޅި ވަޑައިގެންނެވި މެންބަރުންގެ ތެރެއިން ފަސް މެންބަރަކު މިއަދު އެ ޕާޓީން ވަކިވުމާ ގުޅިގެނެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި ފަހުން މުޅިއަކު ނުވަ މެންބަރުން އެ ޕާޓީން ވަކިވެ ވަޑައިގެންފި އެވެ.
އެކަމާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައިނޯރިޓީއަށް ވެއްޓުނަސް އަދި މެޖޯރިޓީ ގެއްލުނަސް ރައްޔިތުން ހޮވި ގޮތާ ހިލާފުވެ ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ވިއްކާ މުދަލެއް ނޫން ކަމަށެވެ.
އެއްފަހަރާ ގިނަ މެންބަރުންތަކެއް ޕީޕީއެމް އިން މިއަދު ވަކިވެވަޑައިގަތް އިރު މަޖިލިސް މެންބަރު ކަމަށް އިންތިހާބުވާ ޕާޓީ ފިޔަވާ އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވެއްޖެ ނަމަ، އެފަދަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވަނީ ވައްދާފަ އެވެ. އެ މައްސަލާގައި ބުނެފައި ވަނީ ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދި ނުމަށެވެ. އެގޮތުން މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީން ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުން ހިމެނެ އެވެ.