ހަބަރު

ޕީޕީއެމް އިން ވަކިވާން އެދިފަ ތިބި މެންބަރުންނަށް އެނބުރި އާދެވޭނެ: ނިހާން

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ފަހު އަމިއްލައަށް ޕީޕީއެމްއިން ވަކިވާން ސިޓީލާފައި ތިބި މެންބަރުންނަށް އެ ޕާޓީއަށް އަނބުރާ އައިސް މަސައްކަތް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދުން ފެށިގެން ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްގެ ލައިވް ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، ޕާޓީ އިން ވަކިވުމަށް ހުށަހެޅި ނަމަވެސް އަދި ވަކިކޮށްފައި ނުވާ މެންބަރުންނަށް ޕާޓީއަށް އެނބުރި އައިސް ޕާޓީއާ އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޕީޕީއެމްގެ ޕީޖީ ގްރޫޕުން އޮތީ އެފަދަ ކޮންމެ މެންބަރަކަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގައި ހުރި ޕާލިމަންޓްރީ އުސޫލުތަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ ކަންކަން އިސްލާހުކޮށްގެން ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން އެ މެންބަރުންނަށް ދެއްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އަދި އެންޓި-ޑިފެކްޝަން ގާނޫނު ވެސް ވުޖޫދަށް އަންނަ އިރު ހުރިހާ މެންބަރުންނަށް ވެސް އެއްބަސްވެވޭ ކަންކަން ހިމަނައިގެން އެ ގާނޫނު ވުޖޫދަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއީ ވަކިވަކި މެންބަރުންގެ އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރެންވީ ވަގުތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން އުޅޭ ފަރާތްތަކުގެ ތެރޭގައި ނުތިބެ އިހުލާސްތެރި ހިދުމަތެއް ކޮށްދިނުމަށް އެނބުރި އަންނަންވީ ވަގުތަކީ މިއީ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"މިއަދު މި ހުކުމް މި އޮތް ގޮތުން މިހާރު ވެސް އެބަ ތިއްބެވި އަޅުގަނޑުމެންގެ ޕާޓީ އިން ވަކިވުމަށް މެންބަރުންތަކެއް ހުށަހަޅުއްވާފައި، އަދި އަޅުގަނޑުމެން ވަކިނުކޮށް. އެބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ އެނބުރި ވަޑައިގަންނަވާށޭ. ތިބޭފުޅުންނަށް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރަން ފުރުސަތު އެބަ އޮތޭ. އިހުލާސްތެރިކަމާ އެކު ވަޑައިގަންނަވާށޭ. އަޅުގަނޑު މިދަންނަވަނީ އެބޭފުޅުންނަށް، ޔަގީންކަން މި އަރުވަނީ ދެއަތް ފުޅާކޮށްފައި އެބޭފުޅުންނަށް މަރުހަބާ ކިޔަން މިތިބީ ތައްޔާރަށޭ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް އިން ވަކިވާން މި ހަފްތާ ހުށަހެޅި ނަމަވެސް، އެ ޕާޓީ އިން ވަކިނުކޮށްދީ ތިބި މެންބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެވެ. އެ މެންބަރުންގެ ސުލޫކީ މައްސަލައެއް ބަލާ ކަމަށް ބުނެ އެ މެންބަރުން ޕީޕީއެމް އިން ވަކިކޮށްދިނުމަށް އެ ޕާޓީ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު ހުކުމުގައި ބުނެފައި ވަނީ ޕާޓީ އިން މެންބަރަކު ވަކިވި ކަމަށް ބެލެވޭނީ ޕާޓީއިން މެންބަރަކު ވަކިވުމަށް އިލެކްޝަންސް ކޮމިޝަނަށް އެކަން ހުށަހެޅުމުން އެ މެންބަރަކު ޕާޓީ އިން ވަކިވި ކަމަށް މަޖިލީހަށް އަންގައި އެކަން އިއުލާން ކުރާ ދުވަހުން ފެށިގެން އެވެ. އަދި މިއަދުން ފެށިގެން މެންބަރަކުން ޕާޓީ އިން ވަކިކުރި ނަމަވެސް އަދި ވަކިވި ނަމަވެސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެން ކަމުން ޕީޕީއެމް އިން ވަކިވާން އެދުނު މެންބަރުން އެ ޕާޓީ އިން ވަކިކޮށްފި ނަމަ އެ މެންބަރުންގެ ގޮނޑި ގެއްލޭނެ އެވެ.

ނިހާން ވިދާޅުވީ ވަކި ޕާޓީއަކުން މަސައްކަތްކޮށްގެން އެ ޕާޓީގެ ޓިކެޓްގައި މެންބަރަކު ފަސް އަހަރަށް އިންތިހާބު ކުރުމުން އެފިކުރާ ދެކޮޅަށް އެ ދާއިރާގެ މެންބަރު ދިޔުމަކީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ޝަކުވާ އޮތް މައްސަލައެއް ކަމަށެވެ. ނިހާން ވިދާޅުވީ، ސުޕްރީމް ކޯޓުން މިނެގި ހަރުދަނާ ނިންމުމުގެ ސަބަބުން މަޖިލީހުގައި މި އޮތް ރިޝްވަތު ދިނުމާއި މެންބަރުންނާ މެދު ކުރެވޭ ތުހުމަތުތަކުން ބަރީއަވެވޭނެ ކަމަށެވެ. މި ހުކުމުގެ ސަބަބުން މެންބަރެއްގެ އިމްތިޔާޒަކަށް އަދި މިނިވަންކަމަކަށް ބާރަކަށް ވެސް އުނިކަމެއް ނާންނަކަމަށް ނިހާން ވިދާޅުވި އެވެ.

"މިއީ ރައްޔިތުން އިންތިހާބުކޮށް ދިން ގޮތުގައި ތިބުމަށް މެންބަރުންނަށް ލިބޭ ވަރުގަދަ ފުރުސަތެއް. ރައްޔިތުންނަށް ޓަކައި ތިބުމަށް ލިބުނު ފުރުސަތެއް. އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ދުސްތޫރީ ނިޒާމުގެ އެއްބާރުން މި ނިންމީ ވަރަށް މުހިންމު ނިންމުމެކޭ. އަޅުގަނޑުމެންގެ ތެރޭގައި މި އޮތް ޑިމޮކްރަސީއަށް އޮތް ގޮންޖެހުމަކަށް ހައްލެއް މި ހޯއްދަވައި ދެއްވީ. އަޅުގަނޑު ދަންނަވާނީ ސުޕްރީމް ކޯޓަށް އެތަނުގައި ތިއްބެވި ފަނޑިޔާރުންނަށް ގައުމުގެ ހައްގުގައި ތި ނިންމެވި ނިންމެވުމަށް ޝުކުރު ދަންނަނަވަމޭ،" ނިހާން ވިދާޅުވި އެވެ.