އަހުމަދު ނިހާން ހުސައިން މަނިކު

ހިޔާނާތުގެ ތަހުގީގުގައި ނިހާންއާ ސުވާލުކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އާ ސުވާލުކޮށްފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ މެންބަރު ނިހާން އެ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަަމަށެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. ބޮޑު ހިޔާނާތުގެ ކަޅު ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ލިބިފައިވާ ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ. އެ ހިޔާނާތުގެ ތުުހުމަތު 18 ވަނަ މަޖިލީހުގެ ގިނަ މެންބަރުންނަށް ކުރެއެވެ.

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު އަދަދުތައް

  • ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން
  • ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން
  • ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން
  • މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން
  • ފަސް ފަނޑިޔާރުން (ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)
  • ފުލުހުންނާއި ސިފައިންގެ ހަތް އޮފިސަރުން

އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލާ ދައުލަތުން ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ރައީސް ސޯލިހުގެ ވެެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރުވާން ދާއިރު މިހާތަނަށް އެއްވެސް ފައިސާއެއް ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ކޮމިޝަނާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.