އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނުނު މީހުންގެ މައްސަލަތައް ބަލަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ހިޔާނާތުގެ ލިސްޓުގައި ހިމެނުނު މިހާރުގެ މަޖިލިސް މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެކަންޏެވެ.
ހިޔާނާތުގެ ލިސްޓުގައި މަޖިލީހުގައި މިހާރު ތިއްބެވި 16 މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ޕީޕީއެމް އަދި އެމްޑީޕީގެ މެމްބަރުންވެސް ހިމެނެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އާޒިމް ވޯޓު ދެއްވީ ރިޕޯޓް ފާސްކޮށް ލިސްޓް އާންމުކުރާށެވެ.
އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ރިޕޯޓާ ގުޅޭ ގޮތުން މިއަދު ކުރި ބަހުސްގައި ލިސްޓުގައި ހިމެނޭ 16 މެމްބަރުންގެ ތެރެއިން ދިފާއުގައި ވާހަކަ ދެއްކެވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެކަންޏެވެ. ލިސްޓުގައި ނަން ހިމަނަފައި އޮތީ އަބުރުކަތިލުމުގެ ބޭނުމުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީން ހިޔާނާތުގެ ލިސްޓު އާންމުކުރީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ގޮތަށެވެ. ނަމަވެސް ޝިޔާމް މިއަދު ވިދާޅުވީ ހިޔާނާތު ލިސްޓަކީ އިހުލާސްތެރިކަމާ އެކު އެކުލަވާލި ލިސްޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގަތުމުން ދިފާއުގައި ވާހަކަ ދެއްކެވި ނަމަވެސް މިއަދުގެ ވޯޓުގައި ޝިޔާމް ބައިވެރިވެވަޑައި ނުގަންނަވަ އެވެ. ވޯޓުގައި ބައިވެރިނުވީ ޒަރުރީ ކަމެއްގައި ބައިވެރިވުމަށް ތަނަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމަށް ކަމަށް ޝިޔާމް "އަވަސް" އަށް ވިދާޅުވި އެވެ.
ހިޔާނާތުގެ ލިސްޓުގައި ނުހިމެނުނަސް އެ ލިސްޓާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވެސް މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ވޯޓު ނެގުމުގެ ކުރިން އެކަމާ ގުޅޭ ބަހުސްގައި އޭނާ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ގާނޫނު ހިލާފުވެފައިވާ ކަމަށާއި އަދި ހިޔާނާތާ ގުޅޭ އެއްވެސް ލަފައެއް އެ ކޮމިޝަނުން މަޖިލީހަށް ނުދެވޭނެ ކަމަށެވެ. އަދި ކޮމިޝަނުން އެކުލަވާލި ރިޕޯޓް މަޖިލީހަށް ހިއްސާވެސް ނުކުރެވޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނުނު މިހާރުގެ 16 މެމްބަރުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީއަށް ނިސްބަތްވާ ނުވަ މެމްބަރުން ހިމެނެ އެވެ. ލިސްޓުގައި ނުހިމެނެނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. އާދަމް ޝަރީފް ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވާއިރު ފަޒުލް މިއަދު މަޖިލީހަށް ވަޑައެއްނުގަންނަވަ އެވެ.
ލިސްޓުގައި އެމްޑީޕީއަށް ނިސްބަތްވާ މިހާރުގެ ހަަތަރު މެމްބަރުންވެސް ހިމެނެ އެވެ. އޭގެ ތެރެއިން ވޯޓު ދެއްވީ އާޒިމް އެކަންޏެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ސަރުކާރުގެ މަގާމު ތަކުގައި ތިބި މީހުން ވަކިކުރަންވެސް މިއަދު ފާސްކުރި އެވެ. އަދި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތަހުގީގު އަވަސްކުރަން ކަމާ ގުޅޭ އިދާރާތަކަށް އަންގަންވެސް ފާސްކުރި އެވެ.