އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީއާއި ސަލާމަތީ ކޮމެޓީ ހިމެނޭ ސަބް ކޮމެޓީން ދިރާސާކޮށް އެކުލަވާލި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ރިޕޯޓްގައި 281 ބޭފުޅެއްގެ ނަން ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި 119 ބޭފުޅެއް ހިމެނެ އެވެ. އަދި އެމްޑީޕީއާ ޕީޕީއެމްވެސް ނިސްބަތްވާ މިހާރުގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރެއްވެސް ލިސްޓުގައި ހިމެނެ އެވެ.
މިއަދު މަޖިލީހުގެ ތަޅުމުގައި ކޮމެޓީގެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެލެއްވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
އަދި މިހާރު ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ތެރެއިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ބޭފުޅުން މަގާމުން ވަކިކުރަން އެ ބޭފުޅުން ތާއިދު ކުރެއްވި އެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިި ނުކޮށްފިނަމަ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
މަޖިލީހުގެ ކޮމެޓީން ހިޔާނާތުގެ ލިސްޓު އެކުލަވާލައި އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ރިޕޯޓަށް ބިނާކޮށް އެއްވެސް އުނިއިތުރެއް ނުގެނެ އެވެ. ނަމަވެސް ކޮމެޓީގެ ރިޕޯޓަށް މިއަދު ކުރި ބަހުސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކަށީގެންވާ ވަރަށް މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށް ބުނެ އެމްޑީޕީގެ މަސައްކަތްތަކަށް އެމްޑީޕީގެ ގިނަ މެމްބަރުން ފާޑުވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިިސްޓުގައި ހިމެނުނު ދައުލަތުގެ އިސް ބޭފުލުންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އެވެ. ސަރުކާރުން މީގެ ކުރިން ބުނީ އެ ބޭފުޅުން ވަކިކުރާނި ޖީނާއި ތަހުގީގްތައް ނިމުމުން ކަމަށެވެ.
މިއަދު މަޖިލީހުން ފާސްކުރި ރިޕޯޓްގައި ހިމެނޭ އިތުރު ކަންތައްތައްތަކުގެ ތެރޭގައި ހިޔާނަތުގައި ހިމެނޭ އިސް މީހުންގެ ތަހުގީގް އަވަސް ކުރުމާއި އޭސީސީގެ މުވައްޒަފުންނަށް ފަންނީ ވަސީލަތްތައް ހަމަޖައްސައިދިނުމުގެ އިތުތުން ހިޔާނާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ބޭންކުތަކުން ފޯރުކޮށްދޭން އެންގުން ހިމެނެ އެވެ.