އަހުމަދު ސަލީމް (ރެޑްވޭވް)

ހިޔާނާތް ސިޔާސީނުކޮށް ޝަރީއަތަށް ފޮނުވަން ގޮވާލައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ސިޔާސީ ނުކޮށް އެ ހިޔާނާތުގައި ޝާމިލުވާކަމަށް ތުހުމަތުކުރެވިފައިވާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާަގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މިއަހަރު ރައްޔިޔުންގެ މަޖިލިސް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބު ދެއްވަމުން ނެެވެ.

ސަލީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓަކީ ސަރުކާރުން ބޭނުންވާގޮތަކަށް ސިޔާސީ ކަންކަން ގެންދިއުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިފައިވާ ކަމަށެވެ.

ހިޔާނާތުގެ ލިސްޓު ސަލީމް ސިފަކުރެއްވީ ސިޔާސީ މީހުން ކޮންޓްރޯލްކުރާ އަދި ސަރުކާރު ބޭނުންވާ ކޮޅަކަށް މީހުން އަނބުރާލާ، ކަނޑުން ކަންނެލި ނަގާހެން، މީހުން ނަގާ ދާވަންޏެއްގެ ގޮތުގަ އެވެ.

"މިފަދަ ބިރުދެއްކުންތައް ހުއްޓާލާއި، ހިޔާނާތުގެ މައްސަލަތައް ސިޔާސީނުކޮށް އިންސާފުވެރިކަމާއެކު ބަލައި، ޝަރީއަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީޢަތަށް ފޮނުވުމަށް ގޮވާލަން" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެންމެ ގިނަ ބައިވެރިން ތިބީ ސަރުކާރުގެ އިސް މަގާމްތަކުގައި ކަމަށެވެ. އަދި އެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ރައީސް ސޯލިހުއަށް ވެސް ތުހުމަތުކުރެވިފައިވާ އިރު އެ ތުހުމަތުތަކަށް ރައީސް ޖަވާބުދާރީވުމަށް ސަލީމް ގޮވާލެއްވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރަން ފޮނުވި ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވަ އެވެ. މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައިކޯޓްގައި މިހާރު އޮތީ އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލައިގައި މަހުލޫފް މަގާމުން ވަކި ނުކުރާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.