މި ސަރުކާރަށް ހަތަރު އަހަރުވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގައި ސަރުކާރު ބޮޑުކޮށް ބަލިކަށިވެ "ރޯނާ" ވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑެވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ. ފިރުޝާން މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް މިއަދު ފޮނުވި މެސެޖެއްގައެވެ.
ފިރުޝާން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރުވާން ދާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓްގައި ނެތް މީގެއް އަދި އެ މައްސަލަ ބަލާނެ މީހަކުވެސް ނުފެނުނު ކަމަށެވެ. މިނިސްޓަރު އަހުމަދު މަހުލޫފް ނޫން އެއްވެސް މީހަކަށް ދައުވާއެއް ކުރަން ކެރިވަޑައިނުގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފްގެ މައްޗަށް ދައުވާ އުފުލިއިރު އުފުލީވެސް "ވާނުވާ" ދައުވާއެއް ކަމަށް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގަ އާއި ވެންޓިލޭޓަރު މައްސަލަ ބެލުމުގައި ސަރުކާރު ބޮޑުކޮށް ބަލިކަށިވެ 'ރޯނާ' ވެއްޖެ. ނުކެރުނު އެމްއެމްޕީއާރުސީގެ މައްސަލަ ބަލާކަށް. ހަމަ ސީދާ ނުކެރުނު. ހާދަ ދެރައޭ ދެއްތޯ،" ފިރުޝާންގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.
މަހުލޫފްގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހު ފަށާއިފައިވާއިރު އެދުވަހު މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އަދި މި މައްސަލައިގައި ހެކި ހޯދާފައިވާ ގޮތަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ. އެ ނިންމުން މިހާރު އޮތީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ.