އަހުމަދު މަހްލޫފު

މަހުލޫފު ވަކިކުރަން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފި

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްފައިވާތީ އޭނާ މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަަހަޅައިިފި އެވެ.

މަހުލޫފުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެވެ.

އެ މައްސަަލަ ކޮމިޓީއަށް ހުށަހަޅުއްވައި ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރިޝްވަތުގެ ދައުވާ ޕްރޮސިިއުޓާ ޖެނެރަލް އޮފީހުން މަހުލޫފުގެ މައްޗަށް ކޮށްފައިވާތީ އޭނާ މިނިސްޓަރު ކަމުގައި އެއްގޮތަަކަށް ވެސް ބަހައްޓަން ނުފެންނަ ކަމަށެވެ.

އެހެންވެ ވަގުތުން ވަގުތަށް މަހުލޫފު ވަކިކުރުގެ މަސައްކަތް ފަށަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެލި މައްސަލައިގައިވެ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. މަހްލޫފަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން މަހުލޫފުގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވާފަ އެވެ. ރައީސް ސޯލިހް، މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހު އެވެ.