އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމިކަން އެނގިވަޑައިނުގަންނަވާ ކަމަށް މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ މަހުލޫފަށް ކޮށްފައިވާ ދައުވާއާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.
"ފަހު 10އަކަށް އައިއިރު މަނިކުފާނު ތިހުންނެވީ ހުދުފޮތިކޮޅަކަށް ހައްދަވާފަ. އެހެންކަމުން ސިޔާސީ ގޮތުން އުފުލިފައިވާ ދައުވާތައް އަނބުރާ ނެންގެވުމަށް މަނިކުފާނު އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާނަންތޯ؟" މެންބަރު ހުސެއިން ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ދައުވާތައް އަނބުރާ ގެންދިޔަކަން ރަސްމީކޮށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަދި އަޅުގަނޑަށް އެއްވެސް ހިސާބަކުން ރަސްމީ ސިފައެއްގައި އެ މައްސަލަ ގެންދިޔަކަން އެނގިފައެއް ނެތް، ނޫސްތަކުން އަޅުގަނޑަށް ފެނުނީވެސް. (ދައުވާ) ގެންގޮސްސިއްޔާ ވަރަށް ރަނގަޅު. ހަމަ ކަނޑައެޅިގެން ބަޔަކު ގަސްތުގައި އަޑީގައި ތިބެގެން ކުރި ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މެންބަރު ހުސައިންއާއެކު ޕީޕީއެމްގައި މަސައްކަތް ކުރެއްވި ކަމަށާއި އޭރު ކަން ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.
މި ދައުވާއަށް މަހުލޫފް ވަނީ އިންކާރުކުރައްވާފަ އެވެ. މިގޮތުން މަހުލޫފުގެ ފަރާތްޕުޅުން ދިފާއީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ އެ މުއާމަލާތަކީ ވިޔަފާރީގެ ބޭނުމަށް ހިންގި މުއާމަލާތެއް ކަމަށެވެ.