އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފި އެވެ.
މަހްލޫފްގެ މައްޗަށް މިއަދު ދައުވާކޮށްފައިވާ ކަން ޕީޖީ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އެކަމާއި ގުޅިގެން މަހުލޫފް މިރޭ ކުރެއްވި ޓްވީޓަކާއެކު ޝަމީމްގެ ޗެޓް ލޮގެއް ވަނީ އާންމު ކުރައްވާފައެވެ. އެ ޓްވީޓްގައި މަހުލޫފް ވިދާޅުވީ ޗެޓް ލޮގުތަކުންވެސް ދައުވާ ކުރުމަކީޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ހާމަވާނެ ކަމަަަަށެވެ.
"ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް. އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގައި ހަގީގަތް ސާފުވާނެ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް އާންމުކޮށްފައިވާ ޗެޓް ލޮގަކީ ޔޫތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި އަހުމަދު އަޒުމޫން އާއި ޕީޖީ ޝަމީމް ދައްކަވާފައިވާ ވާހަކަތަކެއްގެ ޗެޓް ލޮގެކެވެ. އެ ޗެޓް ލޮގްގައި މަހުލޫފްގެ މައްސަލައަށް 110 ދުވަސް ވެގެން ދިޔައިރު އެ މައްސަލާގައި ގޮތް ނިންމަނީ ކޮން އިރަކުންތޯ އަޒުމޫން ސުވާލު ކުރުމުން 900 ދުވަސްވިޔަސް ހެޔޮ ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މީ" ކަމަށް ވިދާޅުވިއެވެ. މަހުލޫފާމެދު ފުލުހުންގެ ސިމްޕަތީވެސް މިހާރު ނެތް ކަމަށް ޝަމީމް ވިދާޅުވެއެވެ.
އޭގެ ފަހުން މަހުލޫފް މިހާރު ނުފުއްޕާ ނޫންތޯ އާއި މިހާރު ސައިޒުވެއްޖެ ނޫންތޯ އެހުމުން ސައިޒުވީ ކީއްވެތޯ ޝަމީމް ސުވާލު ކުރެއެވެ.