އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ ކަމަށް ބުނެ މަޖިލީހުން މިއަދު ހާމަކުރި ލިސްޓުގައި ހިމެނޭ މީހުންނަކީ އަދި ކުށްވެރިން ކަމަށް ކަނޑަ ނޭޅޭނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު، އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަޖިލީހުގެ ޖުޑީޝިއަރީ އަދި ސަލަމާތި ކަންތައްތައްތަކާ ބެހޭ ސަބް ކޮމެޓީން މިއަދު ވަނީ އެ ލިސްޓު އާންމުވެސް ކޮށްފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު މިއަދު ވިދާޅުވީ މަޖިލީހުން މިއަދު ލިސްޓު އާންމުކުރީ އެ ކޮމިޝަނުން ފޮނުވި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެސް ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓު ކަމަށް ބުނާ ލިސްޓެއް ރޭ އޮތީ އާންމުވެފައެވެ. ނަމަވެސް މިއަދު މަޖިލީހުން އާންމު ކުރި ލިސްޓާ ކޮމިޝަނުން އެކުލަވާލި ލިސްޓު ތަފާތެވެ.
"އަޅުގަނޑުމެން އަދާކުރީ ގާނޫނީ ޒިންމާއެއް. މަޖިލީހަށް ޖަވާބުދާރީވުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް. އަޅުގަނޑުމެން ފޮނުވި ލިސްޓު އޮތްގޮތަށް އެ ބޭފުޅުން ހާމަކުރެއްވީ. އަޅުގަނޑުމެންގެ ލިސްޓަކީ ޕާސަން އޮފް އިންޓަރެސްޓް [ސުވާލުތަކެއްކޮށް ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ބައެއްގެ] ލިސްޓެއް. އެއީ ކުށްވެރިންކަމުގައި ނިންމުމަކީ އަޅުގަނޑުމެންގެ އިހުތިޔާރުގައި އޮތް ކަމެއް ނޫން" އަސްއަދު ވިދާޅުވި އެވެ.
އަސްއަދު އިތުރަށް ވިދާޅުވީ ލިސްޓުގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރެވޭނީ އެ މީހުންނާ ސުވާލުކުރުމަށް ފަހު އެފަރާތްތަކުން ފޯރޮކޮށްދޭ މައުލޫމާތާއި ތަހުގީގާ އިދާރާތަކުން ހޯދާ ހެކީގެ މައްޗަށް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށްދާ މިންވަރަކުން ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ނަން "ކްލިއާ"ވެ އަދި އަނެއްބައި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވޭނެ ކަމަށެވެ.
ހިޔާނާތުގެ ފައިސާ 281 މީހަކަށް ލިބިފައިވާ ކަމަށް ސަބް ކޮމެޓީގެ ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި މިހާރު ދައުލަތުގެ މަަގާމުތަކުގައި ތިއްބެވި 119 ބޭފުޅަކުވެސް ހިމެނި ލައްވަ އެވެ. އެ ފަރާތްތައް މަގާމުން ވަކި ކުރަންވެސް ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މިހާރު މަޖިލިސް މެމްބަރުންނާއި ކުރީގެ މެމްބަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިވާކަން ލިސްޓުން ވަނީ އެނގިގެންގޮސްފަ އެވެ. އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ މައްސަލަ ތަހުގީގްކުރަން އަވަސްކުރަން އިދާރާތަކަށް ދެންނެވުމަށްވެސް މިއަދު މަޖިލީހުގެ ކޮމެޓީން ފާސްކުރި އެވެ.