އެމްއެމްޕީއާރުސީގެ ހިޔާނާތް

ހިޔާނާތުގެ ފައިސާ ހޯދުމުގެ ތުހުމަތުގައި އަށް ކުންފުންޏަކަށް ދައުވާކުރަން ގޮތެއް ނިންމަން ރައީސް އޮފީހަށް

May 13, 2021
2

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ލިސްޓްގައި ހިމަނާފައިވާ އަށް ކުންފުންޏަކަށް ބަންޑާރަނައިބް މެދުވެރިކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

މިވަގުތަށް ދައުވާ ކުރަންވީ ކުންފުނިތަކެއްގެ ނަންތަކެއް ރައީސް އޮފީހަށް ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީ އެކުވެގެން އުފެއްދި ޖޮއިންޓް ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެވެ.

ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ފޮނުވި އަށް ކުންފުނީގެ ތެރޭގައި ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ އައިލެންޑް އޭވިއޭޝަން ވެސް ހިމެނެ އެވެ.

ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން އެންގި ކުންފުނިތައް

  • އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ޔޫރޯ މާކެޓިން ޕްރައިވެޓް ލިމިޓެޑް
  • ހެވަންލީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އިންޓްރެޕިޑް ޕްރައިވެޓް ލިމިޓެޑް
  • އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް
  • މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސީނިިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  • އައިލެންޑް އޭވިއޭޝަން ސާވިސް

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓްގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ ކުންފުނިތަކުގެ ތެރޭގައި 50 ކުންފުންޏެއްގެ ނަން ވަނީ ހިމަނާފަ އެވެ.

މީގެތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ 43 ކުންފުންޏަކާއި ބޭރުގެ ގައުމުތަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ހަތް ކުންފުންޏެއް ވެސް ހިމެނެ އެވެ.

ގިނަ ކުންފުނިތަކެއްގެ ތަހުގީގު މަރުހަލާ އަދި ނިންމާލެވިފައި ނުވާ ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރާތާ ހަ އަހަރުވީ އިރުވެސް ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް އާންމު ނުކުރާތީ އެތައް ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަކު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ 281 ބޭފުޅުންގެ ނަން ހިމެނޭ ލިސްޓް އާންމުކޮށްފަ އެވެ. އެއީ ކޮމިޝަނުން މަޖިލީހަށް ދީފައިވާ ލިސްޓް ކަމާއި އެ ލިސްޓް އާންމު ކޮށްފައިވަނީ އެއްވެސް އުނިއިތުރެއް ނުގެނެސް ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު ލިސްޓްގައި ނަން އޮތް އެންމެންގެ ތަހުގީގު އަދި ނިމިފައި ނުވާތީ އެ އެންމެންނަކީ ކުށްވެރިންގެ ގޮތުގައި ނުދެކުމަށްވެސް ކޮމިޝަނުން ވަނީ އެދިފަ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބް ރައީސުންނާއި، ކުރީގެ ވަޒީރުންނާއި، ސަރުކާއި އަމިއްލަ ކުންފުނިތަކުގެ ވެރިންނާއި، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި، ކުރީގެ ސަރުކާރާއި މިސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް އިސްވެރިންނާއި، ސަލާމަތީ ހިދުމަތްތަކުގެ މީހުންނާއި، މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، މީޑިއާގެ ބައެއް މީހުންނާއި، އެކި ދާއިރާތަކުން ރާއްޖޭގެ މަޝްހޫރު ބައެއް މީހުން ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މައްސަލައިގައި މިހާތަނަށް ދައުވާ ކުރި ބޭފުޅުންގެ ތެރެއިން ދައުވާ ސާބިތުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ މައްޗަށެވެ.