އެމްއެމްޕީއާރުސީގެ ހިޔާނާތް

ޗަމްޕާ ބްރަދާސްއަށް މަނީ ލޯންޑާގެ ތުހުމަތު

May 15, 2021
1

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި މަނީލޯންޑާ ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ޗަމްޕާ ބްރަދާސް އަށް ޖަވާބުދާރީ ވާން އަންގައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވާން އެ ކުންފުންޏަށް އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ.

ޗަމްޕާ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރަށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ގިނަ ފައިސާތަކެއް ޖަމާ ކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން އެކި ފަހަރު މަތިން ޗަމްޕާ ބްރަދާސްގެ އެކައުންޓް ތަކަށް ފައިސާ ފޮނުވާފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކޮށްފައި ވަނީ އެ ފައިސާގެ އަސްލު އޮޅުވާލައި ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރުމަށް ކަމަށް ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށެވެ.

ފައިސާގެ އެ މުއާމަލާތަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މަނީ ލޯންޑަރިންގެ ކުށެއް ކަމަށް ތުހުމަތުކުރެވޭތީ ޗަމްޕާ ބްރަދާސްގެ ފަރާތުން ކޮމިޝަންގެ ތަހުގީގަށް ޖަވާބުދާރީވުމަށް ބޭފުޅަކު ހަމަޖައްސައި ދިނުމަށް ވެސް ކޮމިޝަނުން އެދިފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންނާއި ކުންފުނިތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާއިރު އެ ލިސްޓްގައި ޗަމްޕާ ބްރަދާސްގެ ނަން ވަނީ ހިމަނަފާ އެވެ. އަދި މިވަގުތަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމަންޖެހޭ އަށް ކުންފުނީގެ ތެރޭގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ އައިލެންޑް އޭވިއޭޝަން ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ފެންމަތިވުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ އެސްއޯއެފް ކުންފުނީގެ އިސްވެރިއެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް ތަހުގީގަށް ދީފައިވާ ކަމަށް ބުނާ ބަޔާނެއް އާންމު ވެފައިވާއިރު އެ ބަޔާނުގައި ވަނީ ދައުލަތަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 3.5 މިލިއަން ޑޮލަރު ޗަމްޕާ ބްރަދާސް އަށް ދިން ކަމަށް ބުނެފަ އެވެ. ނަމަވެސް އެއަށްވާ ދިވެހި ރުފިޔާ ލިބިފައި ނުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޗަމްޕާ ބްރަދާސް އަށް އިތުރު 19،844،100 މިލިއަން ރުފިޔާ ވެސް ދޫކުރި ކަމަށާއި އެ ފައިސާއާ އެ ކުންފުނީގެ ފަރާތުން ހަވާލުވީ ޗަމްޕާ ކުންފުނިން ފަންޑްކޮށްގެން ކުރިން ހިންގި ދިއެފްއެމް 95.2 ރެޑިއޯގެ ސީއީއޯ މަސްއޫދު ހިލްމީ ކަމަށްވެސް އާންމުވެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ޗަމްޕާ ބްރަދާސް އަށް ކުރާ ތުހުމަތުތަކަށް އެ ކުންފުނިން އަދި މީޑިއާގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.