ހަބަރު

އިދިކޮޅު މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ މަޖިލީހަށް

Mar 19, 2019
12

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މިހާރުގެ ސަރުކާރަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިސްވެ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަމުންދާ ކަމުގެ ކަންބޮޑުވުމާއި ޝަކުވާތައް ލިބެމުންދާތީ އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ކަމަށެވެ.

"އަދި ހާއްސަކޮށް ފެނަކަ ކޯޕަރޭޝަން އިން ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކޮށްފައިވާތީ، މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބާއްވައި ދެއްވުން އެދެމެވެ،" ޕީޕީއެމްގެ ހަތަރު މެމްބަރުން ތާއީދާއެކު ނިހާން ހުށަހެޅުއްވި މައްސަލާގައި އިތުރަށް ބުނެފައިވެ އެވެ.

އެ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރަށް ތާއީދު ނުކުރާ މީހުން ކަމުގައި ބަޔާންކޮށްފައިނުވި ނަމަވެސް، އެ މައްސަލައިގެ ކޮޕީއެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން، ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާން ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ "އެމްޑީޕީ އަށް ސަޕޯޓު ނުކުރާ މީހުން" ވަޒީފާއިން ވަކި ކުރަމުންދާތީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.