އެކި ސަރުކާރުތަކުން ފެނަކަ ހިންގުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އިބްރާހީމްދީދީ ވިދާޅުވީ ފެނަކަ ހިންގުމުގައި އެކި ސަރުކާރުތަކުން އިސްކޮށްފައިވާ މީހުންގެ އިހުމާލުން ކުންފުންޏަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެ ގެއްލުންތަކުގެ ސަބަބުން އެ ކުންފުނިން އާންމުންނަށް ދޭ ހިދުމަތްތައް ބުރޫ އަރާ ފޫނުބެދޭ ވަރުގެ ގެއްލުން ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކުއްލި މައްސަލަ މަޖިލީހުގައި ބަހުސްކުރަން ފާސްވީ 67 މެންބަރުންގެ ވޯޓުންނެވެ.
ބަހުސްގައި އިބްރާހީމްދީދީ ވިދާޅުވީ ފެނަކައިގެ ކަންކަން ގޮސްފައިވާ ގޮތުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި ބޮޑެތި ހަރަދުތަކެއް އެ ކުންފުނިން ފާއިތުވި ފަސް އަހަރުގެ ތެރޭގައިކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ފެނަކައިގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް 60 މަޝްރޫއަކަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވީނަމަވެސް މަޝްރޫއުތައް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފައިސާއަށް ވީނުވީ ގޮތެއް އެނގޭކަށް ނެތް. މިއިން މަޝްރޫއެއް ނިމިފައި ނެތް،" އިބްރާހީމްދީދީ ވިދާޅުވި އެވެ.
މީގެ އިތުރުން ފާއިތުވި ފަސް އަހަރު އެ ކުންފުނީގެ އެމްޑީގެ ބެލުމުގެ ދަށުން ދަތުރުފަތުރަށް އެކަނިވެސް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ފެނަކައިގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކައިގެ އެމްޑީ ބެލުމުގެ ދަށުން ހަރަދުކޮށްފައި އެބަހުރި 100 މިލިއަން ރުފިޔާ ހަމައެކަނި ދަތުރުފަތުރަށް،" އިބްރާހީމްދީދީ ވިދާޅުވި އެވެ.
ފެނަކައިގެ ޖަނަރޭޓަރުތައް ސާވިސްކުރުމަށްވެސް 100 މިލިއަން ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހީމްދީދީ ވަނީ މިކަންކަން ބެލުމަށް ފެނަކައިގެ ކުރީގެ އެމްޑީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.