ހަބަރު

ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރަން ނިހާންއަށް ޓިކެޓް ދީފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކް ކުރިމަތިލައްވާނީ ތިނަދޫ ދެކުނު ދާއިރާއަށްކަން ޕީޕީއެމްއިން އިއުލާންކޮށްފި އެވެ.

ޕީޕީއެމްއިން މިރޭ ވަނީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓު ދީފައެވެ. މިކަން އިއުލާންކުރެއްވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ވާދަ ކުރައްވާ މެންބަރުންގެ ތެރެއިން ދާއިރާ ބަދަލު ކުރެއްވީ ނިހާން އެކަންޏެވެ. އެހެން މެންބަރުން ވާދަ ކުރައްވަނީ މިހާރު ވެސް ތަމްސީލް ކުރައްވަމުން ގެންދަވާ ދާއިރާތަކަށެވެ.

ނިހާން ދެ ދައުރު ފުރިހަމަ ކުރެއްވި ވިލިމާލެ ދާއިރާއަށް އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ އަވަސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެ އިންޓަވިއުގައި ނިހާން ވިދާޅުވި ގޮތުގައި ދެ ދައުރު ފުރިހަމަ ކުރެވުމަކީ އުފާ ކުރައްވާ ކަމަށާއި ދެން ބޭނުންވާ ޒުވާނަކަށް އެ ދާއިރާއިން ފުރުސަތު ދެއްވުން ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާ ޒުވާނަކަށް އޭނާގެ ތާއިދު އޮންނާނެ ކަމަށް ވިދާޅުވި އެވެ. ނިހާން ދެން ވާދަ ކުރައްވާ ތިނަދޫ ދެކުނު ދާއިރާއަކީ އޭނާ އުފަން ދާއިރާ އެވެ. ނަމަވެސް ނިހާންގެ ރަށްވެހިކަން މިހާރު ވަނީ ވިލިމާލެއަށް ބަދަލުކޮށްފަ އެވެ.

މިހާރު ތިނަދޫ ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ އަބްދުﷲ އަހުމަދެވެ. އޭނާއަކީ ކުރިން ޕީޕީއެމްގެ މެންބަރެކެވެ. ފަހުން ޕީޕީއެމްއިން ވަކިވި އެވެ. އަދި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަަށް ވެސް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. ނަމަވެސް ފަހުން ވަނީ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ. މިފަހުން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.