ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ އުފައްދާފައިވާ ދެ ސިޔާސީ ޕާޓީ ހިމެނޭ ޕްރޯގްރެސިވް ކޯލިޝަނަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެއްޖެ އެވެ.
އިންތިހާބާއި ދިމާކޮށް ޕީޕީއެމްގެ ލީޑަޝީޕްގެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާތީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ރައީސް ޔާމީން އުފެއްދެވި އެވެ. ނަމަވެސް، އެ މައްސަލަ އެމަނިކުފާނާއި އެއްކޮޅަށް ނިމުމުން، ދެ ޕާޓީ އެކުގައި، ޕްރޯގްރެސިވް ކޯލިޝަނުގެ ނަމުގައި އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާނުކުރި އެވެ.
އެ ގޮތުން، 26 ދާއިރާއަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ޕީއެންސީން ވަނީ 20 ކެންޑިޑޭޓަކަށް އެޕާޓީގެ ޓިކެޓުދީފަ އެވެ.
ނަމަވެސް، އިންތިހާބުގައި އެމްޑީޕީން ތާރީހީ ސުޕާ މެޖޯރިޓީއެއް ހޯދިއިރު، ޕީޕީއެމަށް ތާއީދު ހޯދުނީ އެންމެ ހަތަރު ގޮނޑި އެވެ. ޕީއެންސީއަށް ލިބުނު އެއް ގޮންޑިއާއެކު ރައީސް ޔާމީންގެ ޕްރޯގްރެސިވް ކޯލިޝަނަށް ކާމިޔާބުވެފައިވަނީ އެންމެ ފަސް ގޮނޑި އެވެ.
ޕީއެންސީއިން ކާމިޔާބު ހޯއްދެވީ މާވަށު ދާއިރާއަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޕީޕީއެމްއިން އޭދަފުށީ ދާއިރާއަށް އަހުމަދު ސަލީމާއި މަހިބަދޫ ދާއިރާއަށް އަހުމަދު ތޯރިގާއި ނައިފަރު ދާއިރާއަށް އަހުމަދު ޝިޔާމާއި ގުރައިދޫ ދާއިރާއަށް ގައްސާން މައުމޫން ވަނީ އިންތިހާބުވެފަ އެވެ.
ޕްރޯގްރެސިވް ކޯލިޝަންގެ "ވަރުގަދަ" ބޭފުޅުން ފެއިލް!
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވަރަށް ބޮޑު ތަފާތަކުން ނާކާމިޔާބުވެފައިވަނިކޮށް، ރައީސް ޔާމީނަށް ތާއީދުކުރައްވާ ވަރުގަދަ ބޭފުޅުން މިފަހަރު ފެއިލްވުމުން، އިދިކޮޅު ލީޑަރުގެ ގޮތުގައި އެމަނިކުފާނުގެ ބާރު ވަނީ މަޖިލީހުގެ ތެރެއިން ހޯއްދެވޭގޮތް ނުވެފަ އެވެ.
ވަގުތީ ނަތީޖާތައް ދައްކާގޮތުން، ރައީސް ޔާމީންގެ އެންމެ އަރިސްކޮށް އުޅުއްވި ދެ ބޭފުޅުން ކަމަށްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ނާކާމިޔާބުވެފަ އެވެ. ފާއިތުވި ދެ ދައުރު ވިލިމާލޭ ދާއިރާގެ މެމްބަރުކަން ކުރެއްވި ނިހާން މިފަހަރު ދާއިރާ ބަދަލުކުރައްވައި، އެމަނިކުފާނު އުފަން ތިނަދޫ ދެކުނު ދާއިރާއިން ވަނީ ނާކާމިޔާބުވެފަ އެވެ.
އަބްދުލްރަހީމް އާ ދައުރަކަށް ފޮނަދޫ ދާއިރާއަށް ވާދަ ކުރި ނަމަވެސް އޭނާ ބަލިކޮށް ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރެއިން، އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްއަށް ވަނީ ހުޅުމާލޭ ދާއިރާއިން އަގުލަބިޔައްތު ނުލިބިފައި އެވެ. އާދަމް ޝަރީފަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ވެސް ނުނެގުނެވެ.
ހަމައެހެން އިބްރާހިމް ޝުޖާއުއަށް ބާރަށު ދާއިރާ ނުލިބުނުއިރު އަހުމަދު ރަޝީދު ގައްދޫ ދާއިރާގައި ވެސް ވީ ބައްޔެވެ.
ޕީޕީއެމްގެ ފެއިލްވި ބައެއް މެންބަރުން
މުހައްމަދު އިސްމާއިލް، ހޯރަފުށި ދާއިރާ
އަލީ އަރިފް ކެލާ ދާއިރާ
މުއާޒް މުހައްމަދު ރަޝީދު މަޑަވެލި ދާއިރާ
މުހައްމަދު ޝާހިދު ހުޅުދޫ ދާއިރާ
އަހުމަދު އައްސަދު ގަލޮޅު ދެކުނު ދާއިރާ
އަސްމާ ރަޝީދު މާފަންނު މެދު ދާއިރާ
އަބްދުﷲ ރިފާއު މާފަންނު ދެކުނު ދާއިރާ
މުހައްމަދު އަލީ ދުވާފަރު ދާއިރާ
އިބްރާހިމް ފަލާހް އިނގުރައިދޫ ދާއިރާ
އަބްދުﷲ ނާޒިމް އިބްރާހިމް ހިއްނަވަރު ދާއިރާ
އިބްރާހިމް ރިޒާ ކ. ގުރައިދޫ ދާއިރާ
އަބްދުﷲ ހަލީލް ނިލަންދޫ