ނިމިދިޔަ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އަންނަށް މޭ މަހު ފަހުކޮޅުގައި ބާއްވަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އެޕްރީލް މަސް ނިމުމުން މެމްބަރުން ޗުއްޓީއަށް ދާނެ އެވެ. އެހާ ހިސާބުން 2014 ވަނަ އަހަރު މަޖިލިސް މެމްބަރުކަމަށް ހޮވި ވަޑައިގެންފައިވާ ފަރާތްތަކުގެ ދައުރު ހަމަވީ އެވެ. ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާއެކު ޖޫން މަހު އެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި މީގެ ކުރިން މަޖިލިސްގައި ދެ ދައުރު އަދާކޮށްފައިވާ ފަރާތްކާއި، ސިޔާސީ މައިދާނުގައި އަޑު ހަރު ބޭފުޅުން ޖެހުނީ ނާކަމިޔާބި އާއި ކުރިމަތިލާށެވެ. އޭގެ ތެރޭގައި ގިނައީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ މެމްބަރުންނެވެ. އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތިއްޖާ ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނައިން ގޮޑި ލިބިފައިވަނީ ވެރިކަމުގައި އޮންނެވި އެމްޑީޕީ އަށެވެ. އެއީ 67 ގޮޑި އެވެ. ދެން އެންމެ ގިނައިން ގޮޑި ލިބިވަޑައިގަތީ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީ އަށެވެ. އެއީ 7 ގޮޑި އެވެ. އެއަށްފަހު ޕީޕީއެމް އެވެ. އަމިއްލަ ގޮތުން ވާދަކުރި ހަ ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.
އެންމެ އާބަދީ ބޮޑު މާލޭ ސިޓީ، އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ މެޖޯރިޓީވެސް ލިބިގެން ދިޔައީ އެމްޑީޕީ އަށެވެ. މީގެ ކުރިން ބޭއްވި ދެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއި އެވެ.